އަމިއްލަ ކުންފުންޏެއް ކަމަށްވާ ދިމަހް ޕްރައިވެޓް ލިމިޓެޑަށް 28.1 މިލިޔަން ރުފިޔާ ދައްކަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ދިމަހް އާއި ފެނަކައާ ދެމެދު އެކި ފަހަރު ހަދާފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދިމަހް އިން ފެނަކައަށް ދީފައިވާ ހިދުމަތާއި މުދަކުގެ އަގަށް އަރާފައިވާ 31.1 މިލިޔަން ރުފިޔާގެ މައްސަލައެކެވެ.

އެފައިސާ ދެއްކުމަށް ތަކުރާރުކޮށް ފެނަކައިގައި އެދުމުން ވެސް ދައުވާ ކުރުމާ ހަމައަށް އެއްވެސް ފައިސާ އެއް ދައްކާފައިނުވާތީ ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ދިމަހް އިން ދައުވާ ކުރިއެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ މެއި މަހުގެ ފަސްވަނަ ދުވަހު ބޭއްވި މި މައްސަލައިގެ އިބްތިދައީ އަޑުއެހުމުގައި، މައްސަލަ ކޯޓުން ބޭރުން ހައްލު ކުރުމަށް 14 ދުވަހުގެ ފުރުސަތަކަށް ފެނަކައިން އެދުމުން، މިދިޔަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެކަން ނިންމި ގޮތެއް ކޯޓަށް ހުށަހަޅަން އަންގައި، މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރުމަށް 14 ދުވަހުގެ މުއްދަތެއްދިނެވެ.

ނަމަވެސް އެއްދަތުގައި މައްސަލައާ މެދު އެއްބަސްވި ގޮތް ހުށަހަޅާފައިނުވާތީ، މި މައްސަލައިގެ އިބުތިދާއީ އަޑުއެހުމެއް މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 23 ގައި ބޭއްވިއެވެ.

އެއާ ގުޅިގެން ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބޭއްވުމެއްނެތި، މައްސަލައަށް ހުކުމް ކޮށްދިނުމަށް އެދި، އެކަމަށް ހާއްސަ ފޯމުން ދިމަހްގެ ފަރާތުން ކޯޓަށް މިމަހުގެ 20 ވަނަ ދުވަހު މައްސަލަ ހުށަހެޅިއެވެ.

އެ ފޯމުގައި ދިމަހް އިން އެދިފައި ވަނީ ފެނަކައަށް ފޯރުކޮށްދިން ހިދުމަތާއި މުދަލުގެ އަގަށް ޖުމްލަ 28.1 މިލިޔަން ރުފިޔާ އަރާ ކަމަށެވެ. އަދި 11 މަސްދުހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިއަން ރުފިޔާ އަށްވުރެ މަދު ނޫން އަދަދެއް ދައްކައި ހަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ހުކުމް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ފެނަކައިންވެސް އެކަމަށް ދެކޮޅު ހަދާފައެއް ނުވެއެވެ.

އެހެންކަމުން މި މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދިމަހް އިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތާއި މުދަލުގެ އަގަށް އަރާފައިވާ 31.1 މިލިޔަން ރުފިޔާގެ ތެރެއިން، މިހާތަނަށް ދައްކާފައިވާ ތިން މިލިޔަން ރުފިޔާ އުނި ކުރުމަށްފަހު ބާކީ ދައްކަންޖެހޭ 28.1 މިލިޔަން ރުފިޔާ 11 މަސް ދުވަހަށް ބަހާލައިގެން ކޮންމެ މަހަކު 2.5 މިލިޔަން ރުފިޔާއަށް ވުރެ މަދު ނޫން އަދަދެއް ސިވިލް ކޯޓަށް ދައްކައި ދަރަނި ހަލާސް ކުރުމަށް ފެނަކަ ކޯފޕަރޭޝަގެ މައްޗަށް ހުކުމް ކުރިއެވެ.