ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކައުންސިލަށް ވަދެއްޖެއެވެ.
ތިނަދޫ ކައުންސިލްގެ މޭޔަރު، ސައުދު "ވަން" އަށް މިއަދު ވިދާޅުވީ، އޭސީސީގެ ތަހުގީގު ޓީމަކުން ކައުންސިލް އިދާރާގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް އޭސީސީން ކައުންސިލަށް ވަނީ ކޮން ބޭނުމެއްގައިކަން ސާފެއް ނޫން ކަމަށެވެ. އަދި އަމުރުގައި ވެސް އެފަދަ ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި އޭސީސީން ތިނަދޫ ކައުންސިލްގެ އިދާރާއަށް ވަދެފައިވަނީ ސައުދަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.
ސައުދު ވިދާޅުވީ، މިވަގުތު އޭނާ ހުންނެވީ މާލޭގައި ކަމުން އޭސީސީއަށް މައުލޫމާތު ދިނުމަށް މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:30 ގައި ކައުންސިލް އިދާރާގައި ބައްދަލުވުމެއް ބާއްވާނެކަން އޭސީސީއަށް ސިޓީއަކުން މިއަދު އަންގާފައިވާނެ ކަމަށެވެ. އެ ސިޓީގެ ކޮޕީއެއް ވަނީ "ވަން" އަށް ލިބިފައެވެ.
ތިނަދޫ އަކީ ސިޓީއެއްގެ ދަރަޖަ ލިބުނީ ޝަރުތު ހަމަނުވާ ލިސްޓެއް ދައުލަތުގެ އިދާރާތަކަށް ހުށަހަޅައިގެން ކަމަށް ބުނެ، އެ މައްސަލަ އަމިއްލަ ފަރާތަކުން ހައިކޯޓަށް ވެސް ހުށަހެޅިއެވެ. އެ ލިސްޓުގައި މަރުވެފައިވާ މީހުންނާއި ކައިރި އެހެން ރަށްރަށުގެ ބައެއް މީހުން ތިނަދޫގެ ރަޖިސްޓަރީގައި ޖައްސައިފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ. އެ ލިސްޓުގެ މައްސަލައިގައިވެސް ސައުދުއަށް ތުހުމަތުގެ އިނގިލި ދިއްކުރެއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ މަނިކުފާނުގެ ގަރާރަކުން ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންކަން އެ މަނިކުފާނު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 30 ގައެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން ބާތިލްކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން މިހާރު ވަނީ ބޭރުކޮށްލައިފައެވެ.
ތިނަދޫ ސިޓީ ކައުންސިލުން ތިނަދޫގެ ބަނދަރުމަތީގައި ޖެހުމަށް ހަދައި ހަރުކޮށްފައިވާ މޮނިއުމަންޓް ހެދުމަށް ވާއްޓޭ އިންވެސްޓްމަންޓަށް ނޭނގި، އެ ފަރާތުގެ ނަމުގައި ބިޑް ނަގައި އެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލުގެ މުވައްޒަފުން ލައްވައި، ކައުންސިލުގެ ބިމެއް ކަމުގައިވާ ތިނަދޫ ފުލެޓުތައް ކައިރީގައި އޮންނަ ބިމެއްގައި ކުރުވައި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށް، އެ ފަރާތުގެ ލިޔުމެއް ނެތި މޭޔަރު ސައުދުގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ޝޮމާޝާ އިންވެސްޓްމަންޓްގެ ބީއެމްއެލް އެކައުންޓަށް ސިޓީ ކައުންސިލުގެ ބޭންކު އެކައުންޓުން 206،293.50 ރުފިޔާ ފޮނުވި މައްސަލައެއް ވެސް އޭސީސީން ދަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު