ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ތަނަކުން 13 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި މަހުގެ 23 ވަނަ ދުވަހު އިމިގްރޭޝަން ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެތަނުން ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އެއިދާރާއިން ބުންޏެވެ.

އިމިގްރޭޝަނުން އެކްސް ޕޯސްޓުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ކުޑަ ތަންކޮޅެއްގައި ސާފުތާހިރުކަން ކުޑަކޮށް ބިދޭސީތަކެއް ދިޔައީ ވިޔަފާރިކުރުމަށް ކާބޯތަކެތި ތައްޔާރުކުރަމުންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން އަންނަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން މިދިޔަ ނޮވެމްބަރު މަހު ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 5،000 އަށްވުރެ ގިނަ މީހުން މިދިޔަ އެއް އަހަރު ތެރޭ ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ.