މި މަހުގެ 15 ވަނަ ދުވަހު ޒަހަމްތަކަކާއެކު މާލޭގެ މަގެއްގެ މަތީގައި އޮއްވައި ފެނުނު މީހާއަށް ހަމަލާ ދިން ކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 15 ވަނަ ދުވަހުގެ 8:17 އެހާކަންހާއިރު ރަތްވިލާމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު މީހުން ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ގޭންގު ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތުހުމަތުގައި މާލެ، ހ. ރޯޒެންޑޭލް، ސޮފްވާން ޒުފްރަތު (29އ) އާއި ށ. ފޭދޫ، އުދަރެސް، އަލީ ނާޝީދު (34އ) ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ސޮފްވަތު ހައްޔަރުކުރީ މި މަހުގެ 20 ވަނަ ދުވަހުގެ 21:19 ހާއިރުއެވެ. ނާޝިދު ހައްޔަރުކުރީ 21 ވަނަ ދުވަހުގެ 1:09 ހާއިރުއެވެ.

ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

ހަމަލާގެ ސަބަބުން ޒަހަމްވެފައިވަނީ ދިވެހި ފިރިހެނެކެވެ.