ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ށ. އަތޮޅު ފައިނަލުގައި މިއަދު ށ. ކަނޑިތީމާއި މިލަންދޫ ނުކުންނާނެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތައްޓަކީ ރަށެއްގެ ޝަރަފަށްޓަކައި ކޮންމެހެންވެސް ހޯދަން ޖެހޭނެ އެއްޗަކަށް މިހާރު ވެފައި އޮންނައިރު، ކަނޑިތީމަކީ ށ. އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން އަދި އެންމެ ކާމިޔާބު ޓީމެވެ. އަނެއްކޮޅުން ނުކުންނަ މިލަންދުއަށް މިއީ ފުރަތަމަ އަތޮޅު ފައިނަލެވެ.
"ރަނގަޅަށް މެޗު ނިމިގެންދިޔައީ. އެކަމަކު މަދުވި ތަންކޮޅެއް ދިޔަ، ލީޑު ފުޅާނުކޮށްލެވިގެން ދިޔަ. އެއީ އަހަރެމެން ފައިނަލަށް ރަނގަޅު ކޮށްލަންޖެހޭ ކަމެއް. ފައިނަލް އަހަރެމެންނަށް ވަރަށް އުނދަގޫވާނެ. ތަށި ދިފާއުކުރަންވެސް މިފަހަރު އުނދަގޫވާނެ. އެއީ ގްރޫޕް ސްޓޭޖުގައި އަހަރެމެން އޮތީ (މިލަންދޫ ކައިރިން) ބަލިވެފައި. އެހެންވީމަ ހަމަ އެ ޓީމާ ދެކޮޅަށް ނުކުންނައިރު އުނދަގޫ ކަންތައްތަކެއް ހުންނާނެ. ބަދަލުހިފަން ރަނގަޅު ރޫހެއްގައި އަރައި ކުޅޭނީ،" ސެމީ ފައިނަލުގައި ބިލެއްފައްސާ ދެކޮޅަށް ކުޅުނު މެޗަށްފަހު ކަނޑިތީމުގެ ކެޕްޓަން އިބްރާހީމް ނަދާދު (ކުޑައްޓެ) ބުންޏެވެ.
ކަނޑިތީމުން ފައިނަލް ޔަގީންކުރީ 2-0 އިން ބިލެއްފަހި ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ކަނޑިތީމަށް ލީޑު ނަގައި ދިނީ ކުޑައްޓެއެވެ. އެ ޓީމުން ދެވަނަ ހާފުގެ ފަހުކޮޅުގައި ލީޑު ފުޅާކޮށް މެޗު ޔަގީންކުރީ އިސްމާއިލް ނިހާނެވެ. ކުޑައްޓެ ބުނީ އަތޮޅު ތައްޓަކީ ސަޕޯޓަރުން އެންމެ ބޭނުންވާ ތަށި ކަމަށާއި އެ ތަށި ނުލިބިއްޖެނަމަ ގިނަ ބަޔަކު ހިތްހަމަވެސް ނުޖެހޭނެ ކަމަށެވެ.
"އަތޮޅު ތަށި އެއީ އަހަރެމެން ތެރޭގައި އެންމެ ގިނައިން ވާހަކަ ދެކެވޭނެ ތަށި. ސަޕޯޓަރުން އެންމެ ބޮޑަށް ބޭނުންވާނެވެސް ތަށި. އަދި އެ ތަށި ނުލިބިއްޖެއްޔާ ގިނަ ބަޔަކު ހިތްހަމަވެސް ނުޖެހޭނެ، ސަޕޯޓަރުން. ސަޕޯޓަރުން އެންމެ ބަލައިގަންނާނެ ތައްޓަކީ އެއީ. އެއީ އެންމެ މުހިންމު ތަށި،" ކުޑައްޓެ ބުންޏެވެ.
މިލަންދުއަށް މިއަދުގެ ފައިނަލް ހާއްސަވަނީ އެ ޓީމުގެ ފުރަތަމަ އަތޮޅު ފައިނަލަށް ވާތީއެވެ. ގްރޫޕް ސްޓޭޖުގައިވެސް މިލަންދޫން މިފަހަރު ކަނޑިތީމު ބަލިކޮށްފައި އޮތް އޮތުން އެއީ އެ ޓީމަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
"މޮޅުވެގެން ފައިނަލަށް ދެވިފައި މި އޮތީ. މިލަންދޫ ތާރީހުގައި މީގެ ކުރިން އަބަދުވެސް އަތޮޅު ސެމީއާ ހަމައިން ކަޓާފައި އޮތީ. އެންމެފަހުން ގޯލްޑަން މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައި އޮތީ. ދެން ﷲގެ އިރާދަފުޅުން ފައިނަލަށް ދަތުރުކޮށްފައި މި އޮތީ. ކުޅުންތެރިންގެ މަސައްކަތަށް ޝުކުރު އަދާކުރަން ބޭނުން. ޑިސިޕްލިން ގޭމެއް ކުޅެމުން މިދަނީ،" މިލަންދޫގެ ކޯޗު އަހުމަދު ނިޔާޒް (ޓެޑް) ބުންޏެވެ.
ޓެޑް ބުނީ ކަނޑިތީމަކީ އަތޮޅުގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި އެކަމާ ދެބަސްވާން ބޭނުން ނޫން ކަމަށެވެ. ނަމަވެސް މި ވަގުތު މިލަންދޫގެ ރައްޔިތުންނަށްޓަކައި ރަން މެޑަލް ހޯދައިދޭން ޓީމު ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.
"ކަނޑިތީމަކީ ށ. އަތޮޅުގެ އެންމެ ވަރުގަދަ އެއް ޓީމު. އެއީ ދެބަސްވެވެން އޮތް ކަމެއް ނޫން. އެހެންވިޔަސް އަޅުގަނޑުމެން ނުކުންނާނީ ގްރޫޕް ސްޓޭޖުގައިވެސް ބަލިކުރި ކަނޑިތީމު، އަނެއްކާވެސް ބަލިކޮށް ތަށި މިލަންދުއަށް ގެންދަން. މިލަންދޫގެ ރައްޔިތުން ބޭނުންވޭ ފުޓްސަލްގައި ގޯލްޑެއް ހޯދައިދޭން. ރައްޔިތުން އެކަމަށް ވަރަށް ބޮޑަށް އެދެމުންދޭ،" ޓެޑް ބުންޏެވެ.
ށ. އަތޮޅު ފައިނަލުގައި ކަނޑިތީމާއި މިލަންދޫ ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް