ދެކެން ބޭނުންވަނީ ގައުމީ އެއާލައިން، މޯލްޑިވިއަނުން ޔޫރަޕްގެ މަންޒިލުތަކަށް އުދުހޭ ދުވަސް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަނުން ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330ގެ ފުރަތަމަ ދަތުރުގައި ޗައިނާގެ ފަތުރުވެރިން ގޮވައިގެން އައުން ފާހަގަކުރުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބޭއްވި ހަފުލާއަށްފަހު، ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މިނިސްޓަރު އަމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މޯލްޑިވިއަނުން މި ދަތުރުތައް ފެށުމަކީ ލިބިގެންދާ ޝަރަފެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް ފައިދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިވަގުތު ޗައިނާގެ ޑެސްޓިނޭޝަންތަކަށް އޮޕެރޭޓު ކުރަމުން ދިޔަޔަސް، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ މޯލްޑިވިއަނުން ޔޫރަޕްގެ މަންޒިލުތަކަށް އުދުހޭ ދުވަސް. އެއީ ރާއްޖެ އަކީ ޔޫރަޕުގައި ވަރަށް މަޝްހޫރު މަންޒިލަކަށްވެފައި، ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަނީ ޔޫރަޕުން ކަމަށްވާތީވެ،" މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އެއާބަސް އޭ-330 ގެ ފުރަތަމަ ދަތުރަށް ޗައިނާގެ ޗެންގްޑޫއަށް ފުރާފައިވަނީ އިއްޔެއެވެ.

މޯލްޑިވިއަނުން ގެނައި ވައިޑް ބޮޑީ މަތިންދާބޯޓަކީ ތިން ކުލާހެއްގެ 264 ގޮނޑި ހުންނަ ބޯޓެކެވެ. އެއީ ބިޒްނަސް ކުލާހުގައި 18 ގޮނޑި، ފްރިމިއަމް އިކޮނަމީގައި 36 ގޮނޑި އަދި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯވެސް އުފުލޭނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަންގެ އާ މަތިންދާބޯޓު އޭ-330 ރާއްޖެއަށް ގެނައީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ބޯޓުގެ އިތުރުން މޯލްޑިވިއަނުން ގެންނަ ވައިޑް-ބޮޑީ ދެވަނަ މަތިންދާބޯޓު، އަންނަ އޮކްޓޯބަރު މަހު އުދުހެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވައިފައެވެ.