މަޖީދީމަގު ވިލާމާޓު ކައިރީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ވަން"ގެ ނޫސްވެރިޔާ މައުލޫމާތުދޭ ގޮތުގައި އެ ސަރަހައްދުގައި ޓިނުން ހަދާފައި ހުންނަ ގުދަނެއްގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ.

އެ ތަނުގައި ރޯވެ އަނދަމުންދިޔަ އިރު، އެ ސަރަހައްދާ ކައިރި ގެތަކުގައި ދިރިއުޅޭ މީހުން އިމާރާތްތަކުން ބޭރަށް ނެރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ. ރޯވުމާއެކު އަލިފާން ނިއްވާލުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު އިން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި ރޯވެގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ގުދަނުގައި ރޯވި އަލިފާންގަނޑު ފަތިހު 5:30 ހާއިރު ވަނީ ކޮންޓްރޯލުކޮށްފައެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނުލިބެއެވެ.