ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުނުކުރީ އެކަމަށް ބޭނުންވާ ބަޖެޓު ނެތުމުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހައިކޯޓުގައި ބުނެފިއެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުން 2017 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ނުދީ އޮތުމުން އެ މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައެވެ. އެ މައްސަލަ ޝަރުއީ ދާއިރާގެ މުވައްޒަފުންތަކެއް ޓްރައިބިއުނަލަށް ހުށަހެޅުމުން 2023 ވަނަ އަހަރުގެ މުސާރައިގެ ކުރިއެރުން ވަނީ ދީފައެވެ. ނަމަވެސް އޭގެ ކުރީ އަހަރުތަކަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުމެއް ނުދެއެވެ.
މުވައްޒަފުންގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ނިންމުމުގައި ވަނީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހައްގު ނަމަވެސް ޑީޖޭއޭގެ ބަޖެޓުގައި މުސާރައިގެ ކުރިއެރުން ދެވޭނެ ފައިސާ ނެތުމުން، މުސާރައިގެ ކުރިއެރުން ދިނުމަށް އަމުރު ނުކުރެވޭނެ ކަމަށެވެ. ޓްރައިބިއުނަލްގެ އެ ނިންމުން، މުވައްޒަފުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ހައިކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ޑީޖޭއޭގެ ފަރާތުން ބުނީ މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ހައްގު ކަމަށް ގަބޫލުކުރާ ކަމަށެވެ. ޑީޖޭއޭގެ ފަރާތުން ބުނީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވުނީ އެކަމަށް ބޭނުންވާ ބަޖެޓް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިނުދިނުމުގެ ސަބަބުން ކަމަށެވެ. ޓްރައިބިއުނަލްގެ ނިންމުން ރަނގަޅު ކަމަށް ވެސް ޑީޖޭއޭގެ ފަރާތުން ބުންޏެވެ.
ޑީޖޭއޭއިން ބުނީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ބަޖެޓް ކޮށްފައިވާ ކަމަކަށް ނޫނީ ބަޖެޓުގައި ނެތް ފައިސާއެއް ހަރަދު ނުކުރެވޭނެ ކަމަށެވެ. މުވައްޒަފުން މުސާރައިގެ ކުރިއެރުން ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާ ވެސް ކޮށްފައިވާނެ ކަމަށް ޑީޖޭއޭގެ ފަރާތުން ބުންޏެވެ.
އެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ޑީޖޭއޭއާ ކޮށްފައެވެ. އެގޮތުން ފަނޑިޔާރު ކުރެއްވި ސުވާލަކީ އެކިއެކި މައްސަލަތަކާ ގުޅިގެން ކޯޓުތަކުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުކުމްކުރާ އިރު، ދައުލަތުގެ ބަޖެޓުގައި ފައިސާ ހުރިތޯ ބަލަންޖެހޭތޯއެވެ.
ފަނޑިޔާރުން ވިދާޅުވީ ހައްގުވާ މުސާރައިގެ ކުރިއެރުމެއް ބަޖެޓުގައި ފައިސާ ނެތެމުގެ ސަބަބުން ހިފެހެއްޓިދާނެތޯއެވެ. ފަނޑިޔާރުން ވިދާޅުވީ ކޮންމެ އަހަރަކު ބަޖެޓު އެކުލަވާލާ އިރު، މުސާރައިގެ ކުރިއެރުން ފަދަ ކަންކަމަށް ބޭނުންވާ ފައިސާ ބަޖެޓުގެ ތެރެއިން ހަމަޖައްސައިދީފައިނުވޭތޯއެވެ.
އަދި މުސާރަ ނުދޭ ގޮތަށް މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމަކީ ރަނގަޅު ކަމެއްތޯ ޑީޖޭއޭއިން ދެކޭތޯ ފަނޑިޔާރުން ސުވާލުކުރެއްވިއެވެ. ފަނޑިޔާރުން ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި މުސާރައިގެ ކުރިއެރުން ދޭނެ ގޮތް ހިމަނާފައި އޮތީ ދައުލަތުގެ އިދާރާތަކާ މަޝްވަރާ ނުކޮށްތޯއެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑީޖޭއޭގެ ފަރާތުން ބުނީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދޭނެ ގޮތް ގަވާއިދުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. ޑީޖޭއޭއިން ބުނީ އެއީ ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރުމަށްފަހު ހެދި ގަވާއިދަކަށް ވިޔަސް ފަހުން ސަރުކާރުން ބަޖެޓް ދޭއިރު ބަޖެޓް ހަމަޖައްސާފައި ނޯންނަ ކަމަށެވެ. ޑީޖޭއޭއިން ބުނީ 2023 ވަނަ އަހަރު މުސާރައިގެ ކުރިއެރުމެއް ބަޖެޓް ދޭން ފެށީ އޭގެ ކުރީގެ އަހަރުތަކުގެ މުސާރައިގެ ކުރިއެރުމަށް ވާ ފައިސާ ނުހިމަނާ ކަމަށެވެ. 2023 އަށްވުރެ ކުރީގެ އަހަރުތަކަށް ދޭންޖެހޭ މުސާރައިގެ ކުރިއެރުމަށް ވާ ފައިސާ ނުދެވުނީ އެހެންވެގެން ކަމަށް ޑީޖޭއޭގެ ފަރާތުން ބުންޏެވެ.
ޑީޖޭއޭގެ ފަރާތުން ބުނީ މުވައްޒަފުންނަށް އުޖޫރަ ނުދޭގޮތަށް މަސައްކަތް ނުކުރެވޭނެކަން ގަބޫލުކުރާ ކަމަށެވެ.
ޑީޖޭއޭއިން އެކަން ފާހަގަކުރުމުން ފަނޑިޔާރުން ވަނީ އިތުރު ސުވާލެއް ކުރައްވައިފައެވެ. އެގޮތުން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުމުން ހައްގުވާ ބައި ނުލިބި އޮތް އިރު، މުވައްޒަފުންގެ އިތުރު ގަޑީގެ ފައިސާއަށް އިތުރަށް ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތް ކަމެއްތޯ ފަނޑިޔާރުން، ޑީޖޭއޭއާ ސުވާލުކުރެއްވިއެވެ.
އެ ސުވާލަށް ޖަވާބުދެމުން ޑީޖޭއޭގެ ފަރާތުން ބުނީ އެއީ ގާނޫނާހިލާފު ކަމެއް ކަމަށާއި އަދި އެއީ ގާނޫނުގައި ބުނާ ހާލަތެއްގެ ތެރެއިން އުނިކުރެވިފައިވާ ފައިސާއެއް ނޫން ކަމަށެވެ. ޑީޖޭއޭއިން ބުނީ މުވައްޒަފުންނަށް ފައިސާތަކެއް ދޭންޖެހޭ ކަމަށް ގަބޫލުކުރި ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާކަން މިވަގުތު ދަންނަވަން ދަތި ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ. ރިޔާސަތު ބަލަހައްޓަވަނީ އިސްފަނޑިޔާރު ހުސައިން ޝަހީދެވެ.
ޚަބަރު
ޚަބަރު
ޚަބަރު