ރ. ރަސްގެތީމުގައި ތަރައްގީގެ ހަގީގަ ކުލަ މި ސަރުކާރުން ޖައްސައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްގެތީމަށް މިއަދު ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ މަނިކުފާނު ރަސްގެތީމުގެ ތަރައްގީއަށް ވައުދުވެވަޑައިގެންނެވި ކަންކަން މިއަހަރުގެ ތެރޭގައި ފައްޓައި، އެއިން ގިނަ ކަންކަން މި އަހަރު ނިންމާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ސަރުކާރާއި ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސޯދީ ހާލަތު އެހާ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ އިސްކަން ދެއްވަން ޖެހިވަޑައިގަތީ އިގްތިސޯދު ހަމަ މަގަށް އަޅުވަން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމަ އެ މަސައްކަތުގެ ތެރެއިން އައިސް މިހިސާބަށް މި އާދެވުނީ، ނިމިގެންދިޔަ އަހަރާ ހިލާފަށް މި އަަހަރު ތެރޭގަ، ކެމްޕެއިންގައި އަޅުގަނޑު ދެންނެވި ކަންކަން އަމަލީ ގޮތުން ކޮށްދޭނަން، އެގޮތުގެ މަތިން ބަލާއިރު އަޅުގަނޑު ދެންނެވި ހުރިހާ ކަމެއް މި އަހަރު ތެރޭގައި ފަށައި، ގިނަ ކަންކަން ނިންމައިދިނުން ސަރުކާރުގެ އަޒުމަކީ އަދި ޕްލޭނަކީވެސް،" ރައީސް ވިދާޅުވިއެވެ.

"ރަސްގެތީމުގެ ތަރައްގީއަށް ޓަކައި ކުރަން މި ހުރި، ހުރިހާ ކަންކަމަކީ ހަމަ އެހެން ކޮންމެ ރަށެކޭ އެއްފަދައިން އެއް ފެންވަރެއްގައި އެއް އިސްކަމެއް ދެވޭ ކަންކަން، އެގޮތުގަ އެކަންކަން ކުރިއަށް ގެންދާނަން،". ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށާއި އޭގެ އިތުރުން ރަށުގެ ސްކޫލުގެ ހޯލާއި ކްލާސް ރޫމްތަކުގެ މަސައްކަތް މިއަހަރު ނިންމައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރަސްގެތީމުގައި ކުޅިވަޅު ކުޅޭނެ ފެސިލިޓީސްތަކާއި ކުނި މެނޭޖުކުރުމުގެ ހިދުމަތުގެ އިތުރުން ރަސްގެތީމުގެ ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ކުރިއަށް އޮތް މަސްތަކުގައި ފައްޓަވައިދެއްވާނެ ކަމަށެވެ.