ރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރީންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ހަމައެއާއެކު މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫއުތައް ފައްޓަވައިދެއްވުމަށާއި ބައެއް ރަށްރަށުގައި ގާއިމުކޮށް ނިމިފައިވާ ހިދުމަތްތައް އިފުތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށްޓަކައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލްތަކާ ހަވާލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އަލަށް އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އަޅުއްވައިދެއްވުމާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ދަތުރުފުޅުގައި އެގާރަ ރަށަކަށް ރައީސް ޑރ މުއިއްޒު ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ރަށް ތަކަކީ، އަނގޮޅިތީމު، ހުޅުދުއްފާރު، އިންނަމާދޫ، ކިނޮޅަސް، މާކުރަތު، މަޑުއްވަރި، ފައިނު، ރަސްގެތީމު، ރަސްމާދޫ، އަދި އުނގޫފާރެވެ.

ރައީސް ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.