އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ހުވާ ޑޮނަލްޑް ޓްރަމްޕް ކުރައްވައިފިއެވެ.

އެމެރިކާގެ ރިޔާސީ 47 ވަނަ ދައުރަކަށް ޑޮނަލްޑް ޓްރަމްޕް ހުވާކުރައްވާފައިވަނީ އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ކެޕިޓޯލްގައި ބޭއްވި ބޮޑު ރަސްމިއްޔާތެެއްގައެވެ.

މިރޭ ބޭއްވި އެ ހަފުލާގައި އެމެރިކާގެ ކުރީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން މިހާރުގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމެރިކާގެ ރިޔާސީ އާ ދައުރަކަށް ޓްރަމްޕް ހުވާކުރައްވާފައިވާ އިރު، މިއީ އެގައުމުގެ ރައީސްކަން ޓްރަމްޕް ކުރައްވާ ދެވަނަ ފަހަރެވެ. އެމެރިކާގެ 45 ވަނަ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވީ ޑޮނަލްޑް ޓްރަމްޕެވެ.

ޓްރަމްޕްގެ އާ ދައުރަށް ހުވާކުރައްވާފައިވާ އިރު، ދައުރުގެ ފުރަތަމަ ދުވަހަށް ވަނީ ވަރުގަދަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ވައުދުތަކުގެ ތެރޭގައި އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުގައި ފުރަތަމަ ދުވަހު ކުއްލި ހާލަތު އިއުލާންކުރަން ވަނީ ނިންމަވައިފައެވެ.

މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓުކުރުމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި ރެފިއުޖީން އެމެރިކާގައި ވަޒަންވެރިވުން ވެސް މަނާކުރުމަށް ވަނީ ނިންމަވައިފައެވެ.