ގްރޫޕް ޗެޓްތައް ބެލެހެއްޓުމަށާއި މެސެޖުތައް ފަސޭހައިން ބަލައިލުމަށް އެހީތެރިވެދޭނެ އާ ހަތަރު ފީޗާއެއް ވަޓްސްއެޕުން އިއުލާންކޮށްފިއެވެ.

ވަޓްސްއެޕުން ބުނި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ގިނަ މެސެޖުތައް އަންނަ ގްރޫޕްތަކުގައި މުހިންމު ވާހަކަތައް ނުގެއްލި ފަސޭހައިން ފެންނާން ހުންނާނެއެވެ. މި ފީޗާތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް ލިބެން ފަށާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވަޓްސްއެޕުން ބުނި ގޮތުގައި، މީގެ ތެރެއިން ފުރަތަމަ ފީޗާއަކީ ޗެޓް ލިސްޓު ތިރިއަށް ސްވައިޕްކޮށްލުމުން ފެންނަ ފިލްޓާ ބައިގައި ހިމެނި “މެންޝަންސް އެންޑް ރިޕްލައިސް” ބަޓަނެވެ. ގްރޫޕްތަކާއި ފޭވަރިޓްސް އަދި ނުކިޔައި ހުންނަ މެސެޖުތަކުގެ ފިލްޓާތަކާއެކު އިތުރުކުރި މި ބަޓަނުން، ތިމާއަށް ޓެގްކޮށްފައިވާ މެސެޖުތަކާއި ސީދާ ރިޕްލައިތައް ފަސޭހައިން ފެންނާނެއެވެ.

ދެވަނަ ފީޗާއަކީ ކުރިން 24 ގަޑިއިރަށް، 7 ދުވަހަށް ނުވަތަ 30 ދުވަހަށް އެކަނި މެސެޖު ޕިންކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މުއްދަތެއް ނެތި ދާއިމީކޮށް މުހިންމު މެސެޖުތައް ގްރޫޕްތަކުގައި ޕިންކޮށްފައި ބެހެއްޓޭނެ ގޮތް ހެދުމެވެ.

މީގެ އިތުރުން، ގްރޫޕަކަށް އަލަށް ގުޅޭ މެންބަރެއްގެ ނަމަށް ޗެޓް ތެރެއިން ފިތާލައިގެން، އެ މީހަކު ގުޅުމުގެ ކުރިން ދެކެވިފައިވާ ފަހުގެ މެސެޖުތައް ފޮނުވައިލެވޭނެ ފީޗާއެއްވެސް ހިމެނޭ ކަމަށް ވަޓްސްއެޕުން ބުންޏެވެ. ހަތަރުވަނަ ފީޗާއެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރީ، ހަމައެކަނި ވަކި ގްރޫޕެއްގެ މެންބަރުންނަށް ފެންނާނެހެން ސްޓޭޓަސް އަޕްޑޭޓްތައް ހިއްސާކުރެވޭ “ގްރޫޕް ސްޓޭޓަސް” ފީޗާއެވެ.

ވަޓްސްއެޕުން ބުނީ، އެކި މަރުހަލާތަކަށް ބަހާލައިގެން މި ފީޗާތައް ދޫކުރަމުންދާއިރު، ބޭނުންކުރާ އެކައުންޓާއި ޕްލެޓްފޯމް އަދި ސަރަހައްދަށް ބަލައި މި ފީޗާތައް ލިބޭ ވަގުތު ތަފާތުވެދާނެ ކަމަށެވެ.