ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ބައިނޭންސްއިން ގާތްގަނޑަކަށް 6.3 ބިލިއަން ޑޮލަރުގެ ފައިސާ ވަގަށް ނަގައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖު ބައިނޭންސްއިން ބުނި ގޮތުގައި، ތާރީހުގައި ހިންގި އެންމެ ބޮޑު ކްރިޕްޓޯ ވައްކަން ކަމަށް ބެލެވޭ މި ސަލާމަތީ ހާދިސާއާ ގުޅިގެން އެ ކުންފުނިން ވަނީ ފައިސާ ޖަމާކުރުމާއި ނެގުން ހުއްޓާލައި، ގާތްގަނޑަކަށް ތިން ބިލިއަން ޑޮލަރުގެ ފައިސާ ހިފަހައްޓައިފައެވެ.
ބައިނޭންސްއިން ބުނީ، މައްސަލައިގެ ފުރަތަމަ ތަހުގީގުތަކުން ދައްކާ ގޮތުގައި ހެކަރަކު ހުއްދަ ނެތް މުއާމަލާތްތަކެއް ހިންގާފައިވަނީ އެ ކުންފުނީގެ އިންޖިނިއަރެއްގެ ލެޕްޓޮޕަކަށް ވަދެގެން ކަމަށެވެ. ނަމަވެސް ކަސްޓަމަރުންގެ ފައިސާ ހުރީ ރައްކާތެރިކޮށް ކަމަށާއި، ލިބުނު ހުރިހާ ގެއްލުމެއް ކުންފުނިން ފޫބައްދައިދޭނެ ކަމަށް އެ ފަރާތުން ބުންޏެވެ.
އަލްޖަޒީރާއަށް ފޮނުވި ބަޔާނެއްގައި ބައިނޭންސްއިން ބުނީ، މި މައްސަލަ ރައްކާތެރިކަމާއެކު ފުރިހަމައަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓީމުތަކުން މެދުކެނޑުމެއް ނެތި މަސައްކަތްކުރަމުންދާ ކަމަށާއި، ކުށްވެރިން ދެނެގަނެ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ތަހުގީގު ނިމުމުން މި ހާދިސާގެ ފަންނީ ތަފްސީލީ ރިޕޯޓެއް ހިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. ބައިނޭންސްގެ ބާނީ އަދި އެންމެ ބޮޑު ހިއްސާދާރު ޗަންޕެންގް ޒާއޯ ވިދާޅުވީ، އެ އެކްސްޗޭންޖް ހެކްކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ބްލޮކްޗެއިން އިންޓެލިޖެންސް ކުންފުންޏެއް ކަމަށްވާ ޓީއާރްއެމްއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މި ހަމަލާ ދީފައިވަނީ އުތުރު ކޮރެއާގެ ހެކިން ޔުނިޓެއް ކަމަށްވާ "ޓްރޭޑާޓްރެއިޓާ"އިން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ތަހުގީގުކުރާ ފަރާތްތަކުން މި ގްރޫޕް ގުޅުވައިލަނީ ލަޒަރަސް ގްރޫޕާއެވެ.
ޓީއާރްއެމްގެ ގްލޯބަލް ހެޑް އޮފް ޕޮލިސީ އަރީ ރެޑްބޯޑް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މިއީ މީގެ ކުރިން ދުވަހަކުވެސް ހިނގާފައި ނުވާ ފަދަ ބޮޑު ހާދިސާއެކެވެ. އަދި އުތުރު ކޮރެއާއިން މިފަދަ ބޮޑު މިންވަރަކަށް ވައްކަން ކުރުމުން، އެ ފައިސާ ބޭނުންކުރަނީ ހަތިޔާރު ފެތުރުމަށާއި ހަމަނުޖެހުން އުފެއްދުމުގެ އެހެނިހެން އަމަލުތަކަށް ކަމަށްވާތީ، މިއީ ހަމައެކަނި ކްރިޕްޓޯ ވައްކަމެއްގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތާ ގުޅިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ވައްކަމާ ގުޅިގެން، ދުނިޔޭގެ އެންމެ މަގުބޫލު ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު ވަނީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށަށް ގޮސް، 77،000 ޑޮލަރަށްވުރެ ދަށަށް ވެއްޓިފައެވެ.
ސިޑްނީގެ މެކުއަރީ ޔުނިވާސިޓީގެ ކްރިޕްޓޯ މާކެޓްތަކާ ބެހޭ މާހިރު ޝޯން ފޯލީ ވިދާޅުވީ، ބައިނޭންސްއަކީ އެންމެ ބޮޑު އެއް ސެންޓްރަލައިޒްޑް އެކްސްޗޭންޖަށް ވުމުން، އެ ކުންފުންޏަށް އޮންނަ އިތުބާރަށް ބުރޫއެރުމަކީ އާންމު އިންވެސްޓަރުންގެ އިތުބާރު ގެއްލި، ކްރިޕްޓޯ އެސެޓްތަކުގެ އަގު ދަށަށް ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި ސެންޓްރަލައިޒްޑް އެކްސްޗޭންޖެއްގައި ބަހައްޓާ އެސެޓްތަކުގެ ރައްކާތެރިކަން ބިނާވެފައި އޮންނަނީ އެ އެކްސްޗޭންޖެއްގެ ރައްކާތެރިކަމުގެ މައްޗަށް ކަމަށާއި، އެތަނެއްގައި ހުންނަ ފައިސާގެ އަދަދު ގިނަވި ވަރަކަށް ހަމަލާތަކުގެ އަމާޒަކަށް ވުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ ކުރިން ރެކޯޑުކުރެވިފައިވާ އެންމެ ބޮޑު ކްރިޕްޓޯ ވައްކަމަކީ 2025 ވަނަ އަހަރު އުތުރު ކޮރެއާ ސަރުކާރުގެ އެއްބާރުލުން ލިބޭ ލަޒަރަސް ގްރޫޕުން ބައިބިޓްއިން 1.5 ބިލިއަން ޑޮލަރު ވަގަށް ނެގި ހާދިސާއެވެ. ޓީއާރްއެމްއިން ނެރުނު 2026 ވަނަ އަހަރުގެ ކްރިޕްޓޯ ކްރައިމް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2025 ވަނަ އަހަރު ހިނގި 150 އެއްހާ ހެކިން ހާދިސާގައި ސައިބާ ކުށްވެރިން ވަނީ 2.87 ބިލިއަން ޑޮލަރުގެ ކްރިޕްޓޯ އެސެޓް ވަގަށް ނަގައިފައެވެ.
ކޮއިންމާކެޓްކެޕްއިން ބުނާ ގޮތުގައި، ޒާއޯ 2017 ވަނަ އަހަރު ޗައިނާގައި އުފެއްދެވި ބައިނޭންސްއިން ގާތްގަނޑަކަށް 155 ބިލިއަން ޑޮލަރުގެ އެސެޓް ބަލަހައްޓާ އިރު، މިއީ އެހެން ހުރިހާ އެކްސްޗޭންޖަކަށް ވުރެ ބޮޑު އަދަދެކެވެ.
ކްރިމިނަލް ކޯޓް
ދުނިޔެ
އެސްއެމްއީ ޑިޖިޓަލް
ކޮމެންޓް