އެސްޖޭ ކުންފުނިން ހުޅުމާލެ ފޭސް ދޭކުން 15 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ.
މި ބިމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެސްޖޭ ކުންފުނިން ހުޅުމާލެ ފޭސް ދޭކުން ގަނެފައިވަނީ 2،538 އަކަފޫޓްގެ ބިމެއް ކަމަށެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ބިން އެސްޖޭއަށް ވިއްކާފައިވަނީ 13.96 މިލިއަން ރުފިޔާއަށެވެ. އަދި ޖީއެސްޓީގެ ގޮތުގައި 1.1 މިލިއަން ރުފިޔާއާއެކު މުޅި ޖުމުލަ 15 މިލިއަން ރުފިޔާގެ އަގަކަށެވެ.
އެޗްޑީސީން އެސްޖޭއަށް ވިއްކާފައިވަނީ ހުޅުމާލެ ލޮޓު ނަމްބަރު 20317 ބިމެވެ. އެއީ ދެވަނަ ފިޔަވަހީގެ ބީޗް ސައިޑު ބިމެކެވެ. އެ ބިން ވިއްކާފައިވަނީ އަކަފޫޓަކަށް ގާތްގަނޑަކަށް 6،000 ރުފިޔާގެ ރޭޓުންނެވެ.
ބިމުގެ އަގަށްވާ ފައިސާ އެސްޖޭ ކުންފުނިން އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާތީ، އެ ބިމުގެ މިލްކުވެރި ފަރާތަކީ އެސްޖޭ ކުންފުނި ކަމަށް ކަނޑައަޅައި ވަނީ މައްސަލަ ނިންމައިފައެވެ.
އެސްޖޭ ކުންފުނިން ހުޅުމާލެ ފޭސް ދޭކުން ބިމެއް ގަނެފައިވާ އިރު، އެސްޖޭ މޯލްއާ ޖެހިގެން އޮންނަ ބިން ވެސް ވަނީ އެޗްޑީސީން އެ ކުންފުންޏަށް ދީފައެވެ.
އެސްޖޭ ކުންފުންޏަށް އެ ބިމެއް ދިން މައްސަލައިގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އެސްޖޭ މޯލްއާ ޖެހިގެން އޮންނަ އެ ބިން ހޯދަން އެ ކުންފުނިން އެޗްޑީސީއަށް ޕްރޮޕޯސަލެއް ހުށަހެޅުމުން، އެ ބިން އެ ކުންފުންޏަށް ދޭން ނިންމާފައިވާ ކަމަށެވެ.
އެސްޖޭ މޯލްއާ ޖެހިގެން އޮތް ބިން އެ ކުންފުންޏަށް ވިއްކާލާފައިވަނީ ސީއެސްއާރްގެ ދަށުން އެ ކުންފުނިން ހުޅުމާލެ ރުއްގަނޑު ތެރޭގައި 20 މިލިއަން ރުފިޔާގެ ހަޓުތަކެއް ހަދަން ޖެހޭ ގޮތަށް ކަމަށް ވެސް ފަޒުލް ވިދާޅުވެފައިވެއެވެ.
އެ ބިން އެސްޖޭއަށް ވިއްކި އަގު ހޯދަން މެންބަރުން ތަކުރާރުކޮށް ސުވާލުކުރެއްވުމުން ވެސް، އެ ތަން ވިއްކި އަގު ފަޒުލް ހާމަކުރައްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު