ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއާއިން ހަދިޔާކުރި ކަދުރު ބަހަންފަށައިފި އެވެ.
މި އަހަރުގެ ރޯދަ މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބަހަން ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން ފެބުރުއަރީ ހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 1:00 އަށެވެ.
ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން ފާއިތުވި ދެ އަހަރުވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ.
ކަދުރު ބަހަން ނިންމާފައިވަނީ ކޮންމެ 100 ގެއަކަށް 25 ޕެކެޓު ކަދުރުގެ މަގުންނެވެ. ސިޓީތަކާއި އަތޮޅުގެ ރަށްތަކުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައިދާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ކަދުރު ޕެކެޓެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ގޭބިސީތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރު ނަންބަރަށް ބަލައި އަދި ކަދުރު ބަލައިދާ ފަރާތުގެ އައިޑީ ކާޑަށް ބެލުމަށްފަހު ކަމަށެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލެ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމީ މަރުކަޒުންނެވެ. ރަށްތަކުގައި އަދި ސިޓީތަކުގައި ކަދުރު ބަހާނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލުންނެވެ.
ޖަމިއްޔާ ޖަމާއަތްތަކުގެ ތެރެއިން ރޯދަމަހުގެ އިފުތާރު ޕްރޮގްރާމަށް ނުވަތަ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތްތަކަށްވެސް ކަދުރު ދޭނެއެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގައި ނަންނޯޓު ކުރުމަށް ވަނީ ހުލުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު