ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ޝުއައިބު އަވަހާރަ ވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝުއައިބު އަވަހާރަވުމަކީ ދިވެހި ގައުމަށާއި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރައްވައިފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ހާއްސަ ހިދުމަތްތެރިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޝުއައިބު އެންމެ ފުރަތަމަ ފަނޑިޔާރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައިވަނީ 1999 އަހަރުގެ ޖޫން މަހުގެ އެއް ވަނަ ދުވަހުއެވެ.
ފަނޑިޔާރު ޝުއައިބު ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާޗު މަހުގެ 26 ވަނަ ދުވަހުއެވެ. ޝުއައިބު ވަނީ ހައި ކޯޓުގައި 11 އަހަރު ހިދުމަތް ކުރައްވައިފައެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް ޝުއައިބް ހަސަން ޒަކަރިއްޔާ ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވީ އޭނާގެ އެދިވަޑައިގަތުމަކަށެވެ. އޭނާ ރިޓަޔާކުރެއްވީ 22 ނޮވެމްބަރު 2022ގައެވެ.
އޭނާ މަގާމުން ރިޓަޔާ ކުރެއްވި އިރު، ފަނޑިޔާރު ކަމުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކުރައްވައިފައެވެ.
ޝުއައިބު ވަނީ 1997 ވަނަ އަހަރު ގަތަރު ޔުނިވާސިޓީން ގާނޫނާއި ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރައްވައިފައެވެ. އަދި 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓާނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ވަނީ މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވައިފައެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން ޝުއައިބު ވަނީ ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި ލެކްޗަރާކަން ވެސް ކުރައްވައިފައެވެ.
މީގެ އިތުރުން ހާއްސަ ގާޒީ ކަމާއި އާއިލާއާ ބެހޭ ކޯޓުގެ ގާޒީކަމާއި މަދަނީކޯޓާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސްގާޒީކަން ވެސް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު