ރާއްޖެއިން ވަގަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު މީހަކު 12،000 ރުފިޔާއިން ޖޫރިމަނާކުރަން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ޖޫރިމަނާ ކޮށްފައިވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުއްރަގޫބް ނިސްތާރު ހަލީމްއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާގައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ވައިގެ މަގުން އަބްދުއްރަގޫބް ނިސްތާރު ހަލީމް، ސްރީ ލަންކާއަށް ފުރަން އުޅުނު އިރު، އޭނާގެ އަތުން ގިނަ އަދަދެއްގެ ބޭރުފައިސާ ފެނިފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ އަތުން ފެނުނު ސިޓީ އުރަތަކަކުން 104,977 ޑޮލަރާއި 31,585 ޔޫރޯ އާއި 180 ސުވިސް ފްރޭންކުގެ އިތުރުން 100 ދިރުހަމް ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ. އަދި ދަބަސް ތެރެއިން 32,395 ޑޮލަރާއި 18,790 ޔޫރޯ ފެނުނު ކަމަށް ދައުވާގައިވެއެވެ.

ދައުލަތުން އެ މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު ކަމުގެ ދައުވާއެވެ.

އެ ދައުވާއަށް އަބްދުއްރަގޫބް ނިސްތާރު ހަލީމް ވަނީ އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މި މައްސަލައިގައި އަބްދުއްރަގޫބް ނިސްތާރު ހަލީމްގެ މައްޗަށް އަންނާނެ އަދަބަކީ 12،000 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.

އެ ކުށުގެ އަސާސީ އަދަބަކީ 10،000 ރުފިޔާއާ 200،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 12 މަހަށްވުރެ ކުރު މުއްދަތަކަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ދައުވާ ލިބޭ ފަރާތުން ދައުލަތާ އެކު ހެދި އިއުތިރާފުގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ގާޒީ ވަނީ އަބްދުއްރަގޫބް ނިސްތާރު ހަލީމް، 12،000 ރުފިޔާއިން ޖޫރިމަނާކޮށް އޭނާގެ އަތުން ފެނުނު ފައިސާތައް މޯލްޑިވްސް ކަސްޓަމަސް ސާވިސްއަށް ނެގުމަށް ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ހުސައިން ފާއިޒް ރަޝީދެވެ.