ހުލުމާލެ ސަރަހައްދުތަކުން ރޭ ކަރަންޓު ކެނޑުނީ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު މީޑިޔާތަކަށް ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ރޭ މެދުކެނޑިފައިވަނީ ފަހި ދިރިއުޅުން ފްލެޓްތަކުގެ މަސައްކަތަށް ކޮނުމުގެ ތެރޭ ހައި-ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވެގެން ކަމަށެވެ.

ސްޓެލްކޯ މީޑިޔާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ ރޭގައި ކަރަންޓުގެ މައްސަލަ ހައްލުކޮށްފައި ވާނެ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތުން އިތުރަށް ކަރަންޓު ކެނޑި، ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކެއް ނެތް ކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑި ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކުން ސަލާމަތްކުރުމަށް ކަރަންޓުގެ ވިއުގައިގެ ކޭބަލްތައް އަޅާފައިވާ ސަރަހައްދުތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރެއެވެ.