މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ސާފް ލީގުގެ އެންމެ ފުރަތަމަ އިވެންޓް، ގދ. ގައްދޫގައި ބާއްވާ ކަޅެގަލެކޮޑާ މިއަހަރު ނުބާއްވަން ނިންމާފައިވާ ކަމަށް އެސޯސިއޭޝަނުން އިއުލާނު ކޮށްފިއެވެ.
ސާފް ލީގު ތައާރަފު ކުރީއްސުރެ މިއަދާ ހަމައަށްވެސް ކޮންމެ އަހަރެއްގެ ފެށުމަށް ގައްދޫގައި ބާއްވަމުން އަންނަ ކަޅެގަލެކޮޑާ އިވެންޓް ކެންސަލް ކުރިކަން އެމްއެސްއޭއިން އިއުލާނުކުރީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ގައްދޫ ކައުންސިލްގެ މާލީ ހާލަތު ހުރިގޮތުން މިއަހަރު މުބާރާތް ބޭއްވެން ނެތް ކަމަށާއި، ކައުންސިލުން އެސޯސިއޭޝަނަށް އެއްބާރުލުން ދެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
އެމްއެސްއޭއިން ބުނީ ގައްދޫ ކައުންސިލަކީ އެމްއެސްއޭއާ ގާތް ގުޅުމެއް އޮންނަ، ސާފް ލީގު ފެށުމުގެވެސް ބޮޑު ހިއްސާދާރެއް ކަމަށާއި، މިދިޔަ އަހަރުތަކުގައި މުބާރާތް ބޭއްވިގެން ދިޔައީ ފުރިހަމައަށް ކަމަށެވެ. އަދި އެކަމަށް ޝުކުރު އަދާކުރާ ކަމަށްވެސް އެމްއެސްއޭއިން ބުންޏެވެ.
އެމްއެސްއޭއިން ނެރުނު ބަޔާނުގައި އިތުރަށް ބުނީ އުންމީދަކީ 2026 ވަނަ އަހަރުގެ ލީގުގައި ކަޅެގަލެކޮޑާ އިވެންޓް އަލުން ހިމެނުން ކަމަށާއި، އެ އިވެންޓް ކެންސަލްވުމާއެކު މިއަހަރު ސާފް ލީގުގެ ފުރަތަމަ އިވެންޓް ދެން ބާއްވާނެ ތަނެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ.
މިއަހަރުގެ ސާފް ލީގު، ކަޅެގަލެކޮޑާއާއެކު ފަށަން ކުރިން ތާވަލު ކޮށްފައި ވަނީ ފެބްރުއަރީ ފަހެއްގައެވެ. މިހާރު އެ ތާރީހާމެދު ސުވާލުތަކެއް އޮތް އިރު، ގައްދޫގެ ގިނަ ބަޔަކު ވަނީ އެމްއެސްއޭގެ އެ ނިންމުމަށް ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ސޯޝަލް މީޑިއާގައި އަޑުއުފުލަމުން ގައްދޫ ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ބުނީ މީގެ ކުރިންވެސް އެ އިވެންޓަކީ މާ ބޮޑު އިތުރު ހަރަދުތަކެއް ކޮށްގެން ބާއްވާ އިވެންޓެއް ނޫން ކަމަށާއި، ހުރިހާ ވަސީލަތެއް ހުރި ތަނެއްގައި އެމްއެސްއޭއިން ކުޑަ ހަރަދެއް ކޮށްލައިގެންވެސް މުބާރާތް ބޭއްވޭނެ ކަމަށެވެ.
މީގެ ކުރިން އެއްވެސް އަހަރަކު އެއްވެސް ހަރަދެއް، އެމްއެސްއޭއަށް މުބާރާތަށް ކުރަން ޖެހިފައި ނުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ އިރު، އެފަރާތްތަކުން ބުނީ ގައުމީ ސާފިން ޓީމުގައި ހިމެނޭ ގައްދޫ އެތުލީޓުންނަށްޓަކައި އެސޯސިއޭޝަނުން މުބާރާތް ގައްދޫގައި ބާއްވަން ޖެހޭ ކަމަށެވެ.
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން
މޯލްޑިވްސް ސާފިން އެސޯސިއޭޝަން