މާލޭގައި ތަރައްގީކުރާ ސާފިން ސްޓޭޑިއަމްގެ މަސައްކަތް މިހާރު ބާރު ދުވެލީގައި ކުރިއަށްދާ ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް އެ ތަން ނިންމަވައި ހަވާލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ ރާޅާއެޅުންތެރިންގެ މުޖުތަމައަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، ކޮންމެހެން ބޭނުން ޖެހިފައިވާ މި ކުޅިވަރު ވަސީލަތުގެ މަސައްކަތް އެއްކޮށް ނިންމަވައި ފޯރުކޮށްދެއްވާނެ އެވެ.

މީގެ އިތުރުން، އެހެން ގިނަ ކުޅިވަރުތަކުގެ އާއިލާތަކަށް ބޭނުންވާ ކުޅިވަރު އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައް ވެސް މިހާރު ރޭވިފައިވާ ގޮތަށް ފުރިހަމައަށް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިނަމާލެ ބްރިޖު ކައިރީގައި އޮންނަ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ގާއިމުކުރާ ގައުމީ ސާފިން ސްޓޭޑިއަމަކީ ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރާ ތަނެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި، މި ސްޓޭޑިއަމް ފަރުމާކޮށްފައިވަނީ ކުޅިބަލަން ތިބޭނެ ސްޓޭންޑަކާއި، ރޮސްޓްރަމަކާއި މީޑިއާ ޒޯނަކާއި ކޮމެންޓްރީ ބޮކްސްއެއްގެ އިތުރުން ކެމެރާ ޑެކަކާއި އޮބްޒަވޭޝަން ޕޮއިންޓެއް ހިމެނޭ ގޮތަށެވެ. އަދި ޖިމަކާއި ޓެރަހަކާއި މަލްޓިޕާޕަސް ހޯލަކާއި ކޮންފަރެންސް ހޯލެއް ވެސް އެ ތަނުގައި ހުންނާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުގައި އޭޕްރީލް 13 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ކުރިން ދަގަނޑު އޮނިގަނޑަކުން ހަދަން ރޭވި މި ސްޓޭޑިއަމްގެ ފަރުމާއަށް ބަދަލުގެނެސް، ލޮނުގެ އަސަރުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށްޓަކައި މިހާރު ކޮންކްރީޓުން އިމާރާތްކުރަން ނިންމާފައިވާ ކަމަށެވެ.

ޒުވާނުންނަށް ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ހެދި ހަ މަސްދުވަހަށް ލަސްވި ނަމަވެސް، މަސައްކަތްތައް އަލުން ފެށި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ހުރިހާ މަޝްރޫއެއް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެެވެ.