ޖަޕާނުގެ އައިޗީ-ނަގޯޔާގައި ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޭޝިއަން ގޭމްސް 2026 ގެ ސާފިން ފިރިހެން ޝޯޓްބޯޑް އިވެންޓްގެ ތިންވަނަ ބުރަށް ރާއްޖޭގެ ޔާސިން އަހުމަދު ނާޝިދު ދަތުރުކޮށްފިއެވެ.

ރާއްޖޭން މިފަހަރު އޭޝިއަން ގޭމްސްގެ ހަތް ކުޅިވަރެއްގައި ވާދަކުރަމުންދާ އިރު، އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗްވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޝޫޓިން އަދި ސާފިންގައެވެ. ސާފިން އިވެންޓްގައި މިފަހަރު ރާއްޖޭގެ އެތުލީޓުން ވާދަކުރަމުން ދަނީ ކޮލިފިކޭޝަން ޔަގީން ކޮށްގެންނެވެ.

މިދިޔަ އަހަރު ގައުމީ ސާފް ލީގުގެ އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީއާއި ޖޫނިއާ ކެޓަގަރީގެ ޗެމްޕިއަންކަމުގެ އިތުރުން، އެއަހަރު ޖޫނިއާ ލީގު ޗެމްޕިއަންކަން ވެސް އުމުރުން 15 އަހަރު ހާސިލްކުރި ޔާސިން މިހާތަނަށް މިފަހަރުވެސް ސާފިން ލީގުގެ ތިން އިވެންޓެއް ހޯދާފައިވެއެވެ.

އެގޮތުން ޔާސިން ވަނީ މިފަހަރު ފުވައްމުލަކު ސިޓީގައި ބޭއްވި ސާފް ލީގުގެ ފުރަތަމަ އިވެންޓްގެ އޯޕަން ބައިގެ އިތުރުން މ. މުލީގައި ބޭއްވި މުލީކޮޅު ރާޅުގަނޑު އިވެންޓް އަދި ލ. މާބައިދޫ ކެރަންޑޫ އިވެންޓްގެ ފިރިހެން އޯޕަން ޗެމްޕިއަންކަންވެސް ހޯދައިފައެވެ.

އެ ފޯމުގައި އޭޝިއަން ގޭމްސްއަށް ގޮސް ޔާސިން އިއްޔެވެސް ހީޓްގެ ދެވަނަ ހޯދިއެވެ. މިއަދު ދެވަނަ ބުރުގައި އޭނާ ވާދަކުރީ އަފްގާނިސްތާނުގެ އަފްރީދުން އަމޫއާ ދެކޮޅަށެވެ. ޔާސިން 8.13 ގެ ސްކޯއެއް ހޯދި އިރު، އަމޫގެ ސްކޯއަކީ 2.14 އެކެވެ.

ޔާސިން ތިންވަނަ ބުރުގައި މާދަމާ ވާދަކުރާނީ ޗައިނާގެ ޝިންޑޮން ވޫއާ ދެކޮޅަށެވެ. އެއީ ތިންވަނަ ހީޓްގައެވެ.

ފިރިހެން ޝޯޓްބޯޑު އިވެންޓްގައި ރާއްޖޭގެ ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ވާދަކުރި އިރު، މިއަދު ދެވަނަ ބުރުގައި އޭނާ ވާދަކުރީ ތައިލެންޑްގެ ނައްތަކްރޮން ސައިއީއާ ދެކޮޅަށެވެ. ކައިޕުޓީ ވަނީ 5.67 ސްކޯއެއް ހަދާ ވާދަކޮށްފައެވެ. ތައިލެންޑް ސާފަރު ހީޓް ކާމިޔާބުކުރީ 11.20 ގެ ސްކޯއަކުންނެވެ.

ރާއްޖޭގެ އަންހެން ސާފަރުން ކަމަށް މަރިޔަމް ރާހިލް ނަސީމް (އާޔާ) އާއި ޝިރަން އައިމިނަތު ތަސްނީމްވެސް މިއަދު ދެވަނަ ބުރުން ކަޓާފައިވާ އިރު، ޝިރަން ކެޓީ ކިރިޔާއެވެ. މެލޭޝިއާގެ މޯނާ ރާޝިއާއާ ވާދަކޮށް ޝިރަން، 1.30 ގެ ސްކޯއެއް ހެދި އިރު، މޯނާގެ ސްކޯއަކީ 2.60 އެކެވެ.

އާޔާއާ މިއަދު ވާދަކުރަން ޖެހުނީ ދެކުނު ކޮރެއާގެ ނަލާ ލީއާ ދެކޮޅަށެވެ.