ސްރީ ލަންކާގެ ސާފިން ފެޑަރޭޝަނުން ކުރިއަށް ގެންދިޔަ ސާފް ޗެމްޕިއަންޝިޕް 2026 ގެ އަންހެން އޯޕަން ޗެމްޕިއަންކަން ރާއްޖޭގެ އާލިޔާ ލަތީފް ރަން މެޑަލް ހޯދައިފިއެވެ.

އުމުރުން ނުވަ އަހަރުގެ އާލިޔާ، މީގެ ކުރިން ރާއްޖޭގެ ސާފް ލީގުގެ އަންހެން ޗެމްޕިއަންކަންވެސް ހޯދާފައިވާ އިރު، މިފަހަރު މުބާރާތުގައި ރަން މެޑަލް ހޯދީ އުމުރުން މާ ދޮށީ އެތުލީޓުންނާ ވާދަކޮށްގެންނެވެ. އާލިޔާގެ ކާމިޔާބީއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ އޭނާ ދެއްކި ތަފާތުންނެވެ.

އަރުގަމް ބޭ މެއިން ޕޮއިންޓްގައި ކުރިއަށްދިޔަ އިވެންޓްގެ އަންހެން ޗެމްޕިއަންކަން ރާއްޖޭގެ އާލިޔާ ހޯދި އިރު، ދެވަނައަށް ދިޔައީ ސްރީ ލަންކާގެ އެމްޑީ ސަޔޫނީ އަންޖަނާއެވެ. އަދި ތިންވަނަ ހޯދީ ސްވިޒަލޭންޑްގެ ކެމީލް އެޓާއެވެ.

މިމަހުގެ 10 އިން 12އަށް ކުރިއަށްދިޔަ މުބާރާތުގައި ގިނަ ގައުމުތަކުން 50 ވަރަކަށް އިންޓަނޭޝަނަލް އެތުލީޓުން ވާދަކޮށްފައެވެ. އާލިޔާގެ ކާމިޔާބީއާއެކު ރާއްޖޭގެ ސާފިން އެސޯސިއޭޝަނުން ވަނީ އެކަން ފާހަގަކޮށް މަރުހަބާ ކިޔައިފައެވެ. އާލިޔާއަކީ ސާފިންގައި ރާއްޖޭން ފެނިގެންދާ އެންމެ އުންމީދީ އެއް އެތުލީޓެވެ.