ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެއީ ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް ކަމަށާއި އެ ބޯޓުގައި ހަ މީހަކު ތިބި ކަމަށެވެ. އަދި އެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ވެސް އެމްއެންޑީއެފުން ވަނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އެތެރެވި ލަންކާ ބޯޓެއް އަތުލައިގެންފައެވެ. އެ ބޯޓަކީ ވެސް ލަންކާއަށް ނިސްބަތްވާ މަސްބޯޓެކެވެ.