ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ އިއްޔެ އޭސީސީއަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އެ މެންބަރު އޭސީސީއަށް ހުށަހެޅުއްވި ލިޔެކިޔުންތައް ވެސް "ވަން"އަށް ވަނީ ލިބިފައެވެ.

މެންބަރުުގެ ރަސްމީ ލެޓާހެޑްގައި އޭސީސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ތިނަދޫ ސިޓީ ކައުންސިލުން ތިނަދޫގެ ބަނދަރުމަތީގައި ޖެހުމަށް ހަދައި ހަރުކޮށްފައިވާ މޮނިއުމަންޓް ހެދުމަށް ވާއްޓޭ އިންވެސްޓްމަންޓަށް ނޭނގި، އެ ފަރާތުގެ ނަމުގައި ބިޑް ނަގައި އެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލުގެ މުވައްޒަފުން ލައްވައި، ކައުންސިލުގެ ބިމެއް ކަމުގައިވާ ތިނަދޫ ފުލެޓުތައް ކައިރީގައި އޮންނަ ބިމެއްގައި ކުރުވައި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށް، އެ ފަރާތުގެ ލިޔުމެއްނެތި އެހެން ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެގޮތުން ފައިސާ ޖަމާކޮށްފައިވަނީ ޝޮމާޝާ އިންވެސްޓްމަންޓުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ އެކައުންޓަކަށް ސިޓީ ކައުންސިލުގެ ބޭންކު އެކައުންޓުން ކަމަށާއި ޝޮމާޝާ އިންވެސްޓްމަންޓަކީ މޭޔަރު ސައުދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ އިންވެސްޓްމަންޓެއް ކަމަށް މެންބަރުގެ ސިޓީގައި ވިދާޅުވިއެވެ.

"އެހެންކަމުން މިކަމަކީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ބޮޑު ކޮރަޕްޝަންގެ އަމަލެއް ކަމަށް ގަބޫލުކުރެވޭތީ މިކަން ބައްލަވައިދެއްވުން އެދި ދެންނެވީމެވެ. މި ސިޓީއާއެކު ފައިސާ ޖަމާކުރި ސްލިޕާއި ޝޮމާޝާ އިންވެސްޓްމެންޓަކީ ސައުދު އަލީގެ އިންވެސްޓްމަންޓެއްކަން އެނގޭނެ ލިޔުން ފޮނުވީމެވެ..،" މެންބަރުގެ ސިޓީގައި ވިދާޅުވިއެވެ.

މެންބަރު ވަނީ، ޝޮމާޝާ އިންވެސްޓްމެންޓަށް ފޮނުވާފައިވާ ބީއެމްއެލްގެ ޓްރާންސްފާ ސްލިޕްގެ ކޮޕީއެއް ވެސް ހިމަނައިފައެވެ. ރިމާކްސްގައި "ވާއްޓޭ އިންވެސްޓްމަންޓް" ޖަހާފައި ފޮނުވާފައިވާ އެ ސްލިޕުން ދައްކާގޮތުން ޝޮމާޝާ އިންވެސްޓްމެންޓަށް ފޮނުވާފައިވަނީ 206،293.50 ރުފިޔާއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވިޔާފަރިތަކުގެ ރަޖިސްޓަރީން ދައްކާގޮތުގައި ޝޮމާޝާ އިންވެސްޓްމަންޓުގެ ވެރިޔަކީ ސައުދު އަލީއެވެ. އެ ކުންފުނީގެ ދަށުން "ސުވަދޫ"ގެ ނަމުން ކޮންސްޓްރަކްޝަން މަސައްކަތްކުރާ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވާކަން ވެސް ދައްކައެވެ.

އެ މައްސަލައާ ގުޅޭގޮތުން މޭޔަރު ސައުދު "ވަން" އަށް މިއަދު ވިދާޅުވީ އޭސީސީއަށް ހުށަހެޅުމުން އެ މައްސަލަ ވީހާވެސް އަވަހަކަށް ބަލަންވީ ކަމަށާއި އެކަމަށް ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"އަސްލު މިއުޅެނީ ޒާތީ މައްސަލައެއް. ސައުދުﷲ ހިލްމީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ރައްޔިތުން އިންތިހާބުކޮށްފައިވާ މެންބަރުގެ މަގުސަދު ގެއްލިގެން މިހާރު މިއުޅެނީ. ތިނަދުއަށް އެއްވެސް ކަމެއް ނުކޮށްދެވޭ ހާލުގައި ދެން ކޮންމެވެސް ސަކާރާތެއް ޖަހަން ޖެހޭނެތާ. އެހެންވީމާ ޒާތީ ކަމެއް މިއުޅެނީ ކައުންސިލާއި އަޅުގަނޑާ ދޭތެރޭގައި،" އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ މައްސަލަ ވެސް ބަލަންވީ ކަމަށާއި އެއީ ހެޔޮ ނިޔަތެއް އޮވެގެން ކުރާ ކަންކަމެއް ނޫން ކަމަށެވެ. އަދި ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކުރާ މަސައްކަތުގެ ހުރިހާ ލިޔެކިޔުމެއް ކައުންސިލުގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މާލިއްޔަތު ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ނޫން ގޮތަކަށް ކައުންސިލުން ޕޭއެއް ނުކުރާނެ. އެހެންވީމާ ބަލަންޖެހޭ ބެލުންތައް ބަލާފައި ބަޖެޓުން އެއްވެސް ފައިސާއެއް ކައުންސިލުން ދޫކުރަންޏާ ދޫކޮށްފައި ހުންނާނީ. އެއްވެސް ރައީސެއް ވެސް، އެއްވެސް މޭޔަރެއް ވެސް ނުހުންނާނެ ބަޖެޓު މަސައްކަތް ކުރާކަށެއް. އެކަމުގައި އިދާރީ މުވައްޒަފުން ހުންނާނެ. އިދާރީ މުވައްޒަފުން މަސައްކަތްކުރާނީ ހެދިފައި ހުރި ހުރިހާ ގާނޫނަކާއި ގަވާއިދުތަކުގެ ތެރޭގައި،" އޭނާ ވިދާޅުވިއެވެ.

ސައުދު އިތުރަށް ވިދާޅުވީ ހުރިހާ ވެސް މައްސަލައަކީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި މެންބަރު ސައުދުﷲގެ އެއްވެސް ދައުރެއް ނެތުމުން ކަމަށާއި ހަޖަމު ނުވެގެން އުޅެނީ ތިނަދޫގެ ތަރައްގީގެ މަޝްރޫއުތައް ކައުންސިލުން ބާރު ސްޕީޑުގައި ކުރިއަށްގެންދާތީ ކަމަށެވެ. އަދި އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވި މަޖިލިސް މެންބަރަކީ ސައުދުﷲ ކަން ނުދަންނަ މީހަކު ތިނަދޫގައި ނުހުންނާނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޝޮމާޝާ އިންވެސްޓްމެންޓަށް ފައިސާ ޖަމާވި ގޮތް ސާފުކޮށްދޭން އޭސީސީން އެދުމުން އެކަމަށް ކައުންސިލުން ޖަވާބުދާރީވާނެ ކަމަށާއި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ޖަވާބުދާރީވެފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.