މިހާތަނަށް 300 އަށްވުރެ ގިނަ ސައްހަ ނޫން ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ، މިހާތަނަށް އީސީގެ ޕޯޓަލް މެދުވެރިކޮށް 300 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

އެކި ޕާޓީތަކުން 300 އަށްވުރެ ގިނަ ސައްހަ ނޫން ފޯމު ހުށަހަޅާފައިވާ ކަމަށާއި މިދިޔަ މަހު ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުމަށްފަހު ޕާޓީތަކުގެ ދަފުތަރުގައި އާންމުކޮށް، ރައްޔިތުންގެ ޝަކުވާއަށް ހުޅުވައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސައްހަ ނޫން ފޯމު ހުށަހެޅުން ހުއްޓުވުމުގެ ގޮތުން އީސީން މިއަދު ވަނީ އަންނަ މަހުގެ 15 އިން ފެށިގެން ނިޒާމު އެއްކޮށް ބަދަލުކޮށް، އީފާސް މެދުވެރިކޮށް ނޫން ގޮތަށް ޕާޓީތަކަށް ނުވެއްދޭނެ ގޮތަށް ހެދުމަށް ނިންމައިފައެވެ.

ޒަކަރިއްޔާ ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީތަކަށް މެންބަރުން ވަދެވޭގޮތް ހެދުމުގެ ގޮތުން އަންނަ މަހުގެ 1 އިން ފެށިގެން 14 ގެ ނިޔަލަށް ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ބޭނުންކުރާ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ މިމަހުގެ 30 ގެ ނިޔަލަށް ކަމަށެވެ.

ޕާޓީތަކަށް ވަނުމަށް އޮންނަ އުސޫލު އީސީން ބަދަލުކުރަން ނިންމާފައި މިވަނީ، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން، އެ ޕާޓީން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށްބުނެ، އެ މައްސަލަ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވަނިކޮށެވެ.

އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ވެސް މިއަދު ވަނީ ނިންމައިފައެވެ.

ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެފައިވާ އިރު، އެ މައްސަލަ އީސީ އަދި ފުލުހުންވެސް ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.