ހުޅުމާލެ ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަންކޮށް، ރެންޗަކުން ސްޓެލްކޯގެ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ށ. ބިލެތްފަހި ޗަނބޭލީގެ، އިބްރާހިމް ޒާލިފް 37 އ. އިއްޔެރޭގެ 21:43 ހާއިރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އެ މިހާ ހައްޔަރު ކުރީ ހުޅުމާލެ ފޭސް ދޭއް، ރީތިގަސްމަގު ބުރިޖުކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯ މުވައްޒަފުން ހުއްޓުވުމުން، އެ ކުންފުނިގެ މުވައްޒަފަކަށް ހަމަލާދީ މާރާމާރީ ހިންގުމުން ކަމަށްވެސް ބުނެފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ރޭ ވިދާޅުވީ، ވައްކަން ކުރަން އުޅުނު މީހާ މާރާމާރީ ހިންގީ އޭނާ ހިފެހެއްޓި އެ ކުންފުނީގެ މުވައްޒަފަކާ ކަމަށެވެ. ސްޓެލްކޯ މީޑިއާއިން ރޭ ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ހަމަލާގައި މުވައްޒަފުގެ ވާތު ލޯމަތިން ވަނީ ފަޅައިގެން ގޮސްފައެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.