ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޮލް ހައްޔަރުކޮށްފިއެވެ.
ދެކުނު ކޮރެއާގެ ރައީސް ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާޝަލް ލޯ ހިންގަން އުޅުނު މައްސަލައިގެ ތަހުގީގަށް ހާޒިރުވާން ނެރުނު އަމުރަށް ތަބާވެފައި ނުވާތީއެވެ. މިއީ ދެކުނު ކޮރެއާގެ ތާރީހުގައި ވެސް އެގައުމުގެ ރައީސެއް ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
ދެކުނު ކޮރެއާގެ ގާނޫނުހަދާ މަޖިލީހުން ވޯޓު ނަގައި މަގާމުން ދުރުކުރެއްވުމުން ރައީސް ދިރިއުޅުއްވަމުން ގެންދެވީ ހިލްސައިޑްގެ ގެކޮޅުގައެވެ. އަދި އެ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަނީ އަމިއްލަ ބައެކެވެ. އަދި މިއަދު ހެނދުނު ރައީސް ޔޫން ހައްޔަރު ކުރުމަށް 3000 އަށްވުރެ ގިނަ ފުލުހުންނާއި އިންވެސްޓިގޭޓަރުން ވަނީ އެ ގެކޮޅަށް ވަޑައިގެންފައެވެ.
ކޮރެއާގެ ރައީސް ޔޫން ވަނީ އޭނާ ހައްޔަރުކުރުމުގެ އޮޕަރޭޝަން ފެށިތާ ކުޑަ އިރުކޮޅެއް ފަހުން އަމިއްލައަށް ތަހުގީގަށް ހާޒިރުވެ ވަޑައިގަތުމަށް އެއްބަސްވެ ވަޑައިގެންފައެވެ. އަދި ރައީސް ޔޫން ވަނީ އެގައުމުގެ ހައި ރޭންކިންގްސް ފޯ ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހަށް މިއަދު ހެނދުނު ހާޒިރުވެވަޑައިގެންފައެވެ.
ހައްޔަރުކުރި ފަހުން ނެރުއްވި، ކުރިން ރެކޯޑްކޮށްފައިވާ ބަޔާނެއްގައި ޔޫން ވިދާޅުވީ އޭނާ ތަހުގީގަށް ހާޒިރުވެ ވަޑައިގަތުމަށް ނިންމެވީ ލޭ އޮހޮރުވުމެއް ހިނގިޔަ ދިއުން ހުއްޓުވުމަށް ކަމަށެވެ. އަދި ރައީސް ވަނީ މިއީ ގާނޫނާ ހިލާފު ތަހުގީގެއް ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސްގެ ގާނޫނީ ވަކީލް ސިއޯކް ޑޮންގް-ހިޔޯން ވިދާޅުވި ގޮތުގައި ކޯޓު އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށާއި ކޯޓު އަމުރު ނެރެފައިވަނީ އެކަމުގެ އިހުތިސޯސް ނެތް ކޯޓަކުން ކަމަށެވެ. އަދި އެމަނިކުފާނު އިންވެސްޓިގޭޓް ކުރާ ޓީމަކީ ގާނޫނީ ގޮތުން އެކަން ކުރުމުގެ ބާރު ލިބިގެންވާ ޓީމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ރައީސް ޔޫން ހައްޔަރު ކުރުމުގެ އަމުރެއް ނެރުނު ނަމަވެސް އެކަން ކާމިޔާބުވެފައި ނުވަނީ ރައީސް ގެކޮޅު ބޭރުގައި ހަރަކާތްތެރިވާ އޭނާގެ ސެކިއުރިޓީ ޓީމުން އެކަން ހުއްޓުވުމުންނެވެ. ސެކިއުރިޓީން ތިބީ ހަތިޔާރާއެކު ކަމަށްވާތީ އެކަން ކުރެވޭނެ މަގެއް ނުފެނުމުން ފުލުހުން ފަހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ދެކުނު ކޮރެއާގެ ހިންގުމުގެ ނިޒާމު ބަދަލުކޮށް މިލިޓަރީ ވެރިކަމަކަށް ފުރޮޅައިލުމަށް ޔޫން މަސައްކަތް ކުރެއްވީ މިދިޔަ މަހުއެވެ. ރައީސް އެގޮތަށް ނިންމެވީ ޕާލަމެންޓުގެ ކޮންޓްރޯލް ރައީސް ޔޫންއާ އިދިކޮޅު ފަރާތްތަކަށް ލިބުމުންނެވެ. އެގޮތުން ޑިސެމްބަރު ތިނެއްގައި އޭނާ ވަނީ ކުއްލި އަމުރުގެ ގާނޫނު އިއުލާންވެސް ކުރައްވައިފައެވެ. އެކަމަކު ޕާލަމަންޓު އެއްތަންވެ ރައީސްގެ ނިންމެވުން ވަނީ ބާތިލްކޮށްފައެވެ. އެއަށްފަހު ޕާލަމެންޓުން ނިންމީ ރައީސްގެ މި އަމަލަކީ ދައުލަތާ ދެކޮޅަށް ގަޑުބަޑުކުރުމާއި ބަޣާވާތެއް ކުރައްވަން އުޅުއްވުމެއް ކަމުގައެވެ. އޭނާ މަގާމުން ވަކިކުރުމަށް ޕާލަމެންޓުން ފާސްކުރީ ބަޣާވާތް ކުރައްވަން އުޅުއްވުމުގެ ކުށުގައެވެ.
ދެކުނު ކޮރެއާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން، ރައީސަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އަދި މަގާމުން ވަކި ނުވާނެއެވެ. ރައީސް މަގާމުން ދުރުކުރުމާމެދު އެންމެފަހު ނިންމުން ނިންމާނީ ކޮންސްޓިޓިއުޝަނަލް ކޯޓުންނެވެ. ގާނޫނުއަސާސީ ބުނާގޮތުން މިޒާތުގެ މައްސަލަތައް ބަލައި ނިންމަންޖެހޭނީ ހަމަސް ދުވަހުގެ ތެރޭގައެވެ. އެނިންމުން ނިންމަންދެން ވެރިކަމުން އޭނާ ހުންނަވާނީ ސަސްޕެންޑްވެފައެވެ. ކޯޓުން ވަކިގޮތެއް ނިންމުމާ ހަމައަށް ރައީސްގެ ޒިންމާތައް ވަގުތީ ރައީސްގެ ގޮތުގައި އުފުއްލަވާނީ ބޮޑުވަޒީރު ހޭން ޑަކް ސޫއެވެ.
މިއީ ފަހުގެ ތާރީހުގައި ރައީސަކު މަގާމުން ވަކިކުރުމުގެ މައްސަލަ ދެކުނު ކޮރެޔާގެ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށައެޅުނު ތިންވަނަ ފަހަރެވެ. އެންމެފަހުން 2017 ގައެވެ. އެފަހަރު ކޯޓުން ނިންމީ ރައީސް ޕާކް ގުއެން ހިޔޭ މަގާމުން ވަކިކުރުމަށެވެ. އޭގެކުރިން 2004 ގައެވެ. އެފަހަރު ރައީސް ރޯ މޫ ހިއުން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ނިންމައި އޭނާ އަލުން މަގާމަށް ރުޖޫއަ ކުރިއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ