ޕޯސްޓްމޯޓަމް ހެދޭނޭ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން އެކަން ހަމަޖައްސައިދޭން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމަށް އެޑްރެސްކުރައްވައި ކުޑޫ މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަތް މީހުން މަރުވެފައިވާ ކަމަށާއި އަދި ޝައްކު އުފެދޭ ގޮތަށް މަރުވާ މީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ކަމަށެވެ.

ގޮތް ނޭނގޭ މަރުތަކަކީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށާއި ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ނިޒާމެއް ގާއިމުކޮށް އެ މަރުތަކުގެ ހަގީގަތް އާންމުންނަށް އޮޅުންފިލުވައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޑޫ ވިދާޅުވިއެވެ.

މީގެ އިތުރުން ޕޯސްޓްމޯޓަމް ހެދޭނެ އިންތިޒާމު ރާއްޖޭގައި ގާއިމުކުރުމަކީ ހަށިގަނޑު ބޭރަށް ފޮނުވުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ކުޑަވާނެ ކަމެއް ކަމަށްވެސް އެ ސިޓީގައި އޭނާ ވިދާޅުވިއެވެ.

ކުޑޫ ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ޖިނާއީ ކުށަކާ ގުޅިގެން މަރުވެފައިވާ މީހަކު މަރުވި ސަބަބު ދެނެގަތުމަށް، އަދި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް މަރުވެފައިވާ މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ދީފައިވާ ކަމަށެވެ.

ފުލުހުން އެކުލަވާލާފައިވާ "މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތު" ތަކުގެ ގަވާއިދު 24 މެއި 2022 ގައި ގެޒެޓްކޮށްފައިވާ ކަމަށާއި "ނޭޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސް އިން މޯލްޑިވްސް" ވެސް ހެލްތު މިނިސްޓްރީން މިދިޔަ އަހަރު އާންމުކޮށްފައިވާ ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވިއެވެ.

ކުޑޫ އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ 69 ވަނަ މާއްދާގައި ސިއްހީ ހިދުމަތުގެ ގައުމީ ނިޒާމުގެ ތެރޭގައި ފޮރެންސިކް ތަހުލީލާއި ޕޯސްޓްމޯޓަމް ފަދަ ތަހުލީލުތައް ކުރާ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައަޅާނީ މިނިސްޓަރު ކަމަށް ބަޔާންކުރާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދުމުގައި ގާނޫނީ ހުރަހެއް އޮތް ކަމަށް ނުފެންނާތީ އެ ކަންތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ފައްޓަވައިދެއްވުމަށް އޭނާގެ ސިޓީގެ އެދިވަޑައިގެންނެވިއެވެ.