ދިވެހިރާއްޖޭގައި މުޅިން އަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އެމްޕަވަމަންޓް ހަބެއް ހުޅުވުމަށް ފަހުމުނާމައެއްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގައި މުޅިން އަލަށް ހިދުމަތް ދޭން ފަށާ "އެމްޕަވަމަންޓް ހަބް" އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމައެއް ހޯދުމަށްޓަކައި ޖެންޑާ މިނިސްޓްރީން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާ ގުޅިގެން ފަށާ ހިދުމަތެކެވެ.
އެތަނުގެ ހިދުމަތް އަމާޒުކުރެވިފައިވަނީ 18 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެމްޕަވަމަންޓް ހަބްގެ މަގުސަދަކި ސްކޫލުގެ މަރުހަލާ ފުރިހަމަކުރުމަށްފަހު މުޖުތަމައަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެ ހުނަރު ތަރައްގީކުރުން ކަމަށެވެ. އަދި މަސައްކަތުގެ ތަޖުރިބާއާއި އިގުތިސާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުސަތުތައް ހޯދައިދިނުމުގެ އިތުރުން މިނިވަންކަމާއެކު އެ ފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމައުގައި ބައިވެރިވާނެ ފުރުސަތުތައް ހޯދައިދިނުމަކީވެސް އެ ހަބްގެ މުހިއްމު އެއް މަގުސަދު ކަމަށް މިނިސްޓްރީން ބުންޏެވެ.
ހުޅުމާލެ ފޭސް 2 ގައި 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުވޭ އެ ހަބްގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭއަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް އާންމުންނަށް ހުޅުވާލެވިފައިވާ ފިހާރައެއް ހިމެނުމަށް ހަމަޖެހިފައިވެއެވެ.
މިނިސްޓްރީން ބުނީ އެ ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުގުވެރިކަމާ ގުޅުންހުރި އަދި ހުނަރު ތަރައްގީކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި ތިން ވޯކްޝޮޕް ޖާގައާއި ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީނުދޭ ތަނެއް ވެސް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމާއި މަލްޓި މީޑިއާ ރޫމެއް ވެސް ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ ތެރޭގައި ހުޅުވުމަށް ރޭވިފައިވާ ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެވިފައިވާނެ ކަމަށާއި އެމްޕަވަމަންޓް ހަބްގެ ކާމިޔާބު ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްދޭ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓާ ބެހޭ މަޝްވަރާއާއި މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިންތިޒާމު ވަނީ ވަކި ތަރުތީބަކުން ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު