ހަތަރުވަނަ ''ހައްޖާއި އުމްރާ ކޮންފަރެންސް'' ޖިއްދާގައި ފަށައިފިއެވެ.
ސައުދީ އަރަބިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރުވަނަ ހައްޖާއި އުމްރާ ކޮންފަރެންސްގެ މިއަހަރުގެ ކޮންފަރެންސް ފައްޓަވައިދެއްވައިފައިވަނީ މައްކާގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް ސައުދު ބިން މިޝާން ބިން އަބްދުލް އަޒީޒެވެ.
ހޯމަ ދުވަހު ފެށި އެ ކޮންފަރެންސްގައި 87 ގައުމަކުން މަންދޫބުންގެ އިތުރުން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ތާފިގް އަލް ރަބީއާ ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން އެކި ގައުމުތަކުގެ އިސްލާމިކް މިނިސްޓަރުންނާއި އެމްބެސަޑަރުން އެ ކޮންފަރެންސުގައި ބައިވެރިވެވަޑައިގަންނަވައެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ބާއްވާ އެކޮންފަރެންސްގައި ހައްޖާއި އުމްރާ ކުރުމުގައި ދިމާވާ ދަތިތަކާއި ކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މިއަހަރުގެ ކޮންފަރެންސްގައި ހާއްސަކޮށް ހައްޖާއި އުމްރާގެ ލޮޖިސްޓިކާއި ޓްރާންސްޕޯޓުގެ އިތުރުން އެއްވާ މީހުންގެ ކަންކަން ބެލެހެއްޓުމާއި މީހުން ދިރިއުޅޭ ތަންތަނުގެ އިތުރުން ކެއިންބުއިމާއި ގުޅޭ ކަންކަމުގައި މަޝްވަރާކުރާނެ ކަމަށް ބުނެފައެވެ.
ސައުދީގެ ހައްޖު އެންޑް އުމްރާ އިން އާންމު ކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުން މިދިޔަ އަހަރު އެގައުމަށް ހައްޖާއި އުމްރާގެ އަޅުކަމަށް 18،535،689 މީހުން ޒިޔަރާތްކުރިއެވެ. އޭގެތެރެއިން 16،924،689 މީހުން ވަނީ އުމްރާގެ އަޅުކަން އަދާ ކޮށްފައެވެ. އަދި 1،611،310 މީހުން ހައްޖުގެ އަޅުކަން ފުރިހަމަކުރި ކަމަށް މިނިސްޓްރީން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ