ބޮލީވުޑްގެ އޭ-ލިސްޓް ތަރި ޕްރީތީ ޒިންޓާ ލޮސް އެންޖެލެސްގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކުގެ ތެރޭގައި، އޭނާ ރައްކާތެރިކަމުގައި ހުރިކަން ޔަގީންކޮށްދީފައެވެ. މި އެކްޓްރެސް 2016 ގައި އެމެރިކާގެ މާލީ އެނަލިސްޓެއް ކަމުގައިވާ ޖީން ގުޑެނަފްއާ ކައިވެނިކުރުމަށްފަހު، ދިރިއުޅެމުން އަންނަނީ ލޮސް އެންޖަލްސްގަ އެވެ.

އޭނާ އާއި އެ ހިސާބުގެ އެހެން މީހުން ތަހައްމަލުކުރަމުންދާ ދަތި ހާލަތު ބަޔާންކުރުމަށް އޭނާ ވަނީ ސޯޝަލް މީޑިއާ ބޭނުންކޮށްފައެވެ. ގަދަ ވައިގެ ހާލަތު ޔަގީން ނުވުމާއި، ދުމުން ފުރިފައިވާ ޖައްވުން ފައިބަމުންދާ އަލިފާނާއި އަޅިން ބިރުވެރިކަން އުފައްދައިފައިވާ ކަމަށް ޕްރިތީ ބުންޏެވެ.

އަވަހަށް ވައި މަޑުވެ، އަލިފާން ކޮންޓްރޯލްކުރެވޭނެ ކަމަށް އުއްމީދުކުރާކަމަށާއި، ފަޔަރ ޑިޕާޓްމަންޓަށާއި، އަލިފާން ނިއްވާ މީހުންނަށާއި، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެހީތެރިވާ އެހެން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށް އޭނާ ބުނެފައިވެއެވެ.

ޕްރިތީގެ އިތުރުން، ބޮލީވުޑްގެ އޭ-ލިސްޓް ތަރި ޕްރިޔަންކާ ޗޯޕްރާވެސް ވަނީ އަލިފާނުގެ ހާދިސާއިން ލިބުނު ވޭންދެނިވި ތަޖުރިބާ މީގެ ކުރިން ހިއްސާކޮށްފައެވެ.