ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ބްރޫޝިއާ މޮންޗަންގްލެޑްބެޗް ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.

ރޭ ބަޔާނުން ރަށުން ބޭރުގައި މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ފުރުސަތުތަކެއް ބަޔާން އަތުން ބޭކާރުވެގެން ދިޔަ އިރު، ރޭގެ މޮޅާއެކު އެޓީމު ތާވަލުގެ އެއްްވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލެވަކޫސަން 16 މެޗުން 35 ޕޮއިންޓާއެކު އޮތް އިރު، މޮންޗަންގްލެޑްބެޗް އޮތީ 10 ވަނައިގައެވެ. އެއީ 16 މެޗުން 24 ޕޮއިންޓާއެކުގައެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ބަޔާނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު، ފުރަތަމަ ހާފުގެ 70 ޕަސެންޓް ވަގުތުގައި ބޯޅަ ގެންގުޅުނީ ބަޔާނުންނެވެ. އެ ވަގުތުތަކުގައި ތޯމަސް މުލާއާއި ލެއޯން ގޮރެޓްސްކާއަށް ހުސް ފުރުސަތުތައް ލިބި ބޭކާރުވެގެން ގޮސްފައިވާ އިރު، ބަޔާނަށް ލީޑު ނެގީ 68 ވަނަ މިނެޓުގައެވެ.

އެ ގޯލު ޖެހީ ހެރީ ކޭންއެވެ. އެއީ ޕެނަލްޓީއަކުން ކޭން ޖެހި ގޯލެކެވެ.

ރޭގެ މެޗުގައި މޮންޗަންގްލެޑްބެޗަށް ބަޔާން ގޯލަށް އަމާޒުކޮށް އެއްވެސް ހަމލާއެއް އުފެއްދިއެއް ނުވެއެވެ. ދެވަނަ ހާފުގެ ފަހުކޮޅުގައި ބަޔާންގެ އަލްފޮންސޯ ޑޭވިސްއާއި ސާޖް ނަބެރީގެ އިތުރު ހަމަލާތައް ފެނުނު ނަމަވެސް ދެވަނަ ގޯލެއް ނުޖެހުނެވެ.

މެޗަށްފަހު ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ ބްރޭކަކަށް ޓީމު ދިޔުމަށްފަހު، އަލުން އަނބުރާ މެޗަކަށް ނުތުމުން އެކަމުގެ އަސަރު ޓީމަށް ކުރި ކަމަށެވެ. އަދި މެޗުގައި ލިބުނު ވަރަށް ފުރުސަތުތައް ލިބި، ދެތިން ގޯލެއް ޖަހައި މެޗު ޔަގީންނުކުރެވޭނަމަ، އެއީ މައްސަލައެއް ކަމަށްވެސް ކުރިން ބާންލީގައި ހުރި ކޯޗު، ކޮމްޕެނީ ބުންޏެވެ.