މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަން މަރާމާތުކޮށް ވަގުތީ ގޮތުން ހައްލެއް ހޯދައިފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މާލެއަށް ވިއްސާރަކޮށް ފެންބޮޑުވާ ކޮންމެ ފަހަރަކުވެސް އެކި ހިސާބުތަކުގައި ހުރި ވާރޭ ފެން ހިންދާ ޕަމްޕު ސްޓޭޝަންތައް އިންސްޕެކްޓުކޮށް، އެ ތަންތަން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލާ ކަމަށާއި މިއަދު މާލޭގައި ފެންބޮޑުވުމާއި ގުޅިގެން މާފަންނު ޕަމްޕު ސްޓޭޝަން ބެލި އިރު، އެ ސްޓޭޝަނާއި އެއާ ގުޅާފައި ހުރި ހޮޅިތައްވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ކަމަށެވެ.

އެ ޕަމްޕް ސްޓޭޝަނަށް ގެއްލުން ލިބުނީ މާލޭ ސިޓީ ކައުންސިލުން ސަހަރާ ހުސްކުރުމުގެ މަސައްކަތްކުރުމުގައި އެއްވެސް ވަރަކަށް ބެލުމެއް ނެތި އެތަން ކޮނެފައިވާތީ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވަނީ، މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އަދި މި މަސައްކަތާ ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީއާ ހިއްސާކުރުމެއްވެސް ނެތިކަން ފާހަގަކުރަން" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

މިނިސްޓްރީން ބުނީ ޕަމްޕް ސްޓޭޝަންތަކާއި ނެޓްވޯކް ޗެކުކޮށް، އާރުސީޑީއާއި ސްޓެލްކޯގެ އެހީތެރިކަމާއެކު، މާފަންނު ސަހަރާގައި ހުރި ޕަމްޕް ސްޓޭޝަން ވަގުތީ ގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައިގައި މާލޭގެ މޭޔަރު އާދަމް އާޒިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާފަންނު ސަހަރާގައި ހުންނަ ފެން ހިންދާ ޕަމްޕް ސްޓޭޝަނަށް ލިބުނު ގެއްލުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށެވެ.

ނަމަވެސް އެ ހާދިސާ ހިނގިއިރު އެ ޕަމްޕް ސްޓޭޝަން މަސައްކަތް ނުކުރާ ކަމަށާއި އެ ސްޓޭޝަނުގައި ބަހައްޓާފައި ހުރި ކަރަންޓް ސާމާނުތައް ފަޅާލައި، އެ ސާމާނުތައް ބޭނުން ނުކުރެވޭ ގޮތަށް ހަލާކުކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ސިޓީ ކައުންސިލުން ބެލި ބެލުމުން އެނގިފައިވަނީ އެ ސްޓޭޝަނުގެ ހިދުމަތް ނުލިބޭތާ މަދުވެގެން ފަސް މަސް ވެފައިވާކަން" އާޒިމް ވިދާޅުވިއެވެ.