ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ މަސައްކަތް އަވަަސްކުރާނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފިއެވެ.

ޗައިނާގެ މެންބާ އޮފް ދަ ޕޮލިޓިކަލް ބިއުރޯ އޮފް ދަ ސީޕީސީ ސެންޓްރަލް ކޮމިޓީ، ޑައިރެކްޓާ އޮފް ދަ އޮފީސް އޮފް ދަ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒް އެންޑް މިނިސްޓާ އޮފް ފޮރިން އެފެއާޒް ވާންގް ޔީ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

‎ރައީސް އޮފީހުން މިއަދު ބުނީ ވަންގް ޔީ މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައި ކަމަށެވެ.

‎އެ ބައްދަލުވުމުގައި ރައީސް ވަނީ ވަންގް ޔީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދަންނަވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވާލައްވައި ޗައިނާއިން، ރާއްޖޭގެ ތަރައްގީއަށް ދެމުންދާ އެހީތައް ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎ރައީސް ވަނީ އެ ބައްދަލުވުމުގައި ޗައިނާއަށް އެ މަނިކުފާނު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎މީގެ އިތުރުން ރައީސް ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ އެމްއޯޔޫގެ ދަށުން ހައުސިން މަޝްރޫއުތަކާއި މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުތައް އަވަސް ކުރުމާ ގުޅޭގޮތުން ވަންގް ޔީ އާ މަޝްވަރާކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ވަނީ ރާއްޖޭގެ އިގުތިސޯދު ޑައިވާސިފައިކުރުމުގެ މަސައްކަތުގެ ތެރެއިން ދަނޑުވެރިކަމާއި މަސްވެރިކަމަށް ޗައިނާގެ އެހީއާއި އެއްބާރުލުން ބޭނުންވާކަން ހާމަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ވަންގް ޔީ ވަނީ ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރުގަދަ ކުރުމަށް ރައީސް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަ ކުރައްވައިފައި ކަމަށެވެ. ވަންގް ޔީ ވަނީ ރައީސް މުއިއްޒަކީ ޗައިނާގެ ގާތް އަދި އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎ވަންގަ ޔީ ވަނީ ރާއްޖޭގެ ތަރައްގީއަށް، ޗައިނާގެ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

‎އަދި ވަންގް ޔީ ވަނީ ރާއްޖެއިން، ވަން ޗައިނާ ޕްރިންސިޕަލްގައި ހިފަހައްޓާކަން ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.