ސައުތު ކޭޓަރިންގެ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސައުތް ކޭޓަރިންގެ މުވައްޒަފުން މިއަދު ވަނީ ހަމަސް ދުވަހުގެ މުސާރަ ނުލިބޭ ކަމަށް ބުނެ މުޒާހަރާކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"ސައުތު ކޭޓަރިންގެ މުވައްޒަފުންތަކަކަށް މުސާރަ ގަވައިދުން ނުދޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ހިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ދަނީ ބަލަމުން." ފުލުހުން ބުންޏެވެ

ސައުތު ކޭޓަރިން އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭޓްރިންގެ ހިދުމަތް ފޯރުކޮށްދޭ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ރެސްޓޯރެންޓުތަކެއް ވެސް ދަނީ މާލޭގައި ހިންގަމުންނެވެ.