ލޮސް އެންޖެލެސްގައި ރޯވެ ފެތުރެމުންދާ ބިރުވެރި، ބޮޑު އަލިފާނުގެ ހާދިސާއާ ގުޅިގެން، އެކްޓަރު ނޯރާ ފަތެހީ އޭނާގެ ގެ ދޫކޮށް ކުއްލިއަޔަކަށް ފުރާން މަޖުބޫރުވެއްޖެއެވެ.

ނޯރާ ބުނިގޮތުގައި އެ ހާދިސާގެ ސަބަބުން އޭނާ ވަނީ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަދި ލޮސް އެންޖެލެސްގައި ހިނގަމުންދިޔަ މި ނުރައްކާތެރި ހާދިސާއަކީ "ބުއްދި ފިލާފަދަ" ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.

ނޯރާ ވަނީ ކާރެއްގެ ތެރެއިން ނަގާފައިވާ އަލިފާން ފެންނަ ކުޑަކުޑަ ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.

"އަހަރެން މިވަގުތު މިހުރީ ލޮސްއެންޖެލްސްގައި. ލޮސް އެންޖެލެސްގެ އަލިފާނުގެ ހާދިސާ އެ ވަނީ ބުއްދި ފިލައިދާވަރު ވެފައި. މިކަހަލަ ކަމެއް ދުވަހަކުވެސް ނުދެކެން. އުއްމީދު ކުރަނީ އެންމެން ރައްކާތެރިކަމާއެކު ތިބޭނެ ކަމަށް." އިންސްޓަގްރާމް ސްޓޯރީސްގައި މި ވީޑިއޯ ހިއްސާކުރަމުން ނޯރާ ލިޔެފައިވެއެވެ.

ނޯރާބުނީ ތަން ހުސްކޮށް ނުކުތުމަށް ލިބުނީ އެންމެ ފަސް މިނެޓު ކަމަށެވެ. އެހެން ކަމުން އެ ވަގުތުކޮޅު ތެރޭގައި ތަކެތި ޕެކްކޮށްލައިގެން އަވަހަށް އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ނޯރާ ބުނެފައިވެއެވެ.

އެކްޓަރު ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ އޭނާގެ ލޮސް އެންޖެލެސްގެ ގެއިން ނަގާފައިވާ ވީޑިއޯއެއް ހިއްސާކޮށްފައެވެ. މި ވީޑިއޯގައި އޭނާގެ ގެއާ މަދު މޭލެއްގެ ކައިރީގައި ވާ ފަރުބަދައެއް ހިމެނޭ ސަރަހައްދުގައި އަލިފާން ރޯވެ އަނދަމުންދާ މަންޒަރު ފެނެއެވެ.

'އަހަރެންގެ ހެޔޮދުއާ ވަނީ އެންމެނާ އެކުގައި. އުންމީދުކުރަނީ މިރޭ އެންމެނަށްވެސް ރައްކާތެރިކަމާއެކު ތިބެވޭނެ ކަމަށް." އެ ވީޑިއޯ ހިއްސާ ކުރަމުން ޕްރިޔަންކާ ލިޔެފައިވެއެވެ. އޭނާ ފަހުން ވަނީ ސަލާމަތްކުރުމުގައި މަސައްކަތްކުރާ މީހުންނަށާއި ފަޔަރ ޑިޕާޓްމަންޓުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި އަލިފާނުގެ ހާދިސާތަކުގެ ސަބަބުން 1,000 އަށްވުރެ ގިނަ އިމާރާތް އަނދައި، 130,000 އަށްވުރެ ގިނަ މީހުން އެ ސަރަހައްދު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ދާން ޖެހިފައިވެއެވެ.

އަންގާރަ ދުވަހު ޕެސިފިކް ޕެލިސޭޑްސް އިން ފެށުނު ނުރައްކާތެރި އަލިފާންގަނޑު މި ވަނީ ބާރު ވަޔާއެކު އަވަސް ސްޕީޑެއްގައި ފެތުރި، 15,000 އޭކަރަށްވުރެ ބޮޑު ސަރަހައްދެއް އަންދައިލައިފައެވެ. މި އަލިފާނުގެ ބޮޑުބައި އަދިވެސް ވަނީ ކޮންޓްރޯލް ނުކުރެވިއެވެ.