މިދިޔަ އަހަރުވެސް ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދި ރެއާލް މެޑްރިޑުން އަނެއްކާވެސް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ރެއާލުން ފައިނަލަށް ދަތުރުކުރީ ރޭ ސައުދީ އަރަބީގެ ޖިއްދާގެ ކިންގް އަބްދުﷲ ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގައި މަޔޯކާ ކައިރިން 3-0 އިން މޮޅުވެގެންނެވެ.

ސުޕަ ކަޕަކީ ހަތަރު ކްލަބަކުން ވާދަކުރާ ތިން މެޗުގެ މުބާރާތެކެވެ. މިފަހަރުގެ ފުރަތަމަ ސެމީގައި ބާސެލޯނާއިން އެތުލެޓިކް ކްލަބު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ބާސާއިން ފައިނަލް ޔަގީންކުރި އިރު، ރެއާލް ފައިނަލަށް ދިޔުމާއެކު ފައިނަލް ވެގެންދާނީ އެލް ކްލެސިކޯއަކަށެވެ.

ސްޕެނިޝް ސުޕަ ކަޕް ފައިނަލް އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ. އެމެޗު ކުޅޭނީ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، ފުރަތަމަ ގޯލު ފެނިގެން ދިޔައީ 63 ވަނަ މިނެޓުގައެވެ. އެ ގޯލު ޖޫޑް ބެލިންހަމް ޖެހީ އޭގެ ކުރިން ރެއާލަށް ލިބުނު ދެ ފުރުސަތު ކާމިޔާބު ނުވެގެން، އޭރިއާ ތެރެއިން ލިބުނު ބޯޅަ، ރަބޯނާއަކުން ގޯލަށް ވައްދާލައިގެންނެވެ.

އޭގެ އިރުކޮޅެއް ކުރިން ރޮޑްރީގޯ ޖެހި ބޯޅަ ދަނޑިއަށް އަމާުޒުވި އިރު، ރީބައުންސްގައި ކިލިއަން އެމްބާޕޭ ޖެހި ބޯޅަވީ ބްލޮކެވެ. ބެލިންހަމް ގޯލު ޖެހީ އެ ބޯޅައިގެ ރީބައުންސްގައެވެ. ރެއާލުން މެޗުގެ ލީޑު ފުޅާކުރީ ފަހުވަގުތުގައި މާޓިން ވަލްޖެންޓާއި ރޮޑްރީގޯ ޖެހި ގޯލުތަކުންނެވެ.

ސުޕަ ކަޕް ފައިނަލުގައި މިދިޔަ އަހަރުވެސް ބާސާއާ ރެއާލް ވާދަކޮށް، ރެއާލް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.