އުރީދޫ މޯލްޑިވްސް އިން 2025ގެ ކަލަންޑަރު މިރޭ އިފްތިތާހުކޮށްފިއެވެ.

ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނޭ ވާހަކަތަކުގެ ކެރެކްޓާތައް ޓެކްނޮލޮޖީގެ ޒަރީއާއިން އާންމުންނާ ހަމައަށް ގެނެސްދޭ މި ކަލަންޑަރު އިފްތިތާހުކޮށްދެއްވީ އުރީދޫ ހެޑްކުއާޓާސްގައި މިރޭ ބޭއްވި ހަފުލާއެއްގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ. މިއީ ރާއްޖޭގެ ފުރަތަމަ އެންއެފްސީ އިންޓަގްރޭޓަޑް ކަލަންޑަރެވެ.

ކަލަންޑަރުގައި ވަނީ، ޒަމާނުއްސުރެ އަޑުއަހަމުން އައި ފުލޯކު ވާހަކަތައް ކަމަށްވާ "ފޫޅުދިގު ހަންޑި" އާއި "ސަފަރު ކަތްދަ" ފަދަ 12 ކެރެކްޓާ ހިމަނައިފައެވެ. އެ ވާހަކަތަކަކީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމު ބައެކެވެ.

އުރީދޫން މިރޭ ބުނީ އެ ކަލަންޑަރަކީ ހަމައެކަނި މޭޒުމަތި ފަޅުފިލުވާލަދޭނެ ކަލަންޑަރެއް ނޫން ކަމަށާއި އެއީ އިންޓަރެކްޓިވް އެކްސްޕީރިއަންސެއް ކަމަށެވެ. އެޑްވާންސް އޭއައި ޗެޓްބޮޓް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށް މިހާރު އެ އައިކޮނިކް ކެރެކްޓާތަކާ ސީދާ ވާހަކަދައްކާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

"ކޮންމެ ކެރެކްޓާއަކުން ވެސް ވާހަކަތައް ހިއްސާކޮށް، ސުވާލުތަކަށް ޖަވާބު ދީ، އެ މީހުންގެ ދުނިޔެއާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ، މީގެ ކުރިން ހީވެސް ނުކުރާ ފަދަ ގޮތަކަށް ފޯކްލޯ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ކޮންމެ މަހަކު ވެސް ކަސްޓަމަރުން ޗެޓް ކުރުމަށް އާ ކެރެކްޓާއެއް އަންލޮކް ވެގެންދާނެއެވެ..،" އުރީދޫން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ކަލަންޑަރު 2025 ރަމްޒުކޮށްދެނީ ޓެކްނޮލޮޖީގެ ބޭނުން ހިފައި، ދިވެހި ސަގާފަތް ދެމެހެއްޓުމަށް ކުރާ މަސައްކަތް ކަމަށެވެ.

"ފޯކްލޯގެ ނޮސްޓެލްޖިއާ ޑިޖިޓަލް އިންޓައެކްޓިވިޓީއާ އެއްކޮށްލައިގެން، އަޅުގަނޑުމެންގެ މުއްސަނދި ވާހަކަތައް ފާހަގަކުރުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ވާހަކަތައް ދެމިއޮންނާނެކަން މިއަހަރުގެ އުރީދޫ ކަލަންޑަރުން ކަށަވަރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ މިއީ ދިވެހި ތަރިކަ ހިމާޔަތްކޮށް، މާނަހުރި ގުޅުމެއް އުފައްދައި، ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖީލުތަކުގެ މެދުގައި ގުޅުން ދަމަހައްޓާ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބޮޅެއް ކަމަށެވެ.

އިހުގެ ވާހަކަތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބައްދަލުވާ އެ ދަތުރުގައި ގުޅި، ކުރީގެ ވާހަކަތަކުން އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގައި ބައިވެރިވުމަށް އުރީދޫން ދައުވަތު އަރުވައެވެ.