ހާލު ދެރަވެ، ރާއްޖޭގައި މަރުވި ނޭޕާލް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފިއެވެ.
ނޭޕާލްގެ ރައްޔިތެއް ކަމަށްވާ ކަންޗަން ދުންގެލް (25އ) ނިޔާވެފައިވާ މައްސަލަ، ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ތަހުގީގަށް އެނގިފައިވާ ގޮތުގައި ކަންޗަން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމާ ގުޅިގެން ކަމަށާއި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި އޭނާގެ ހަބަރު ހުސްވިކަން ފާހަގަކުރެވޭ ކަމަށެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހު، ކަންޗަންގެ ހަށިގަނޑު ނޭޕާލަށް ފޮނުވާލާފައިވާ ކަމަށެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ މެޑިކޯ ލީގަލް ރިޕޯޓުގައި ކަންޗަން މަރުވި ސަބަބު "އަންނޯން" ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ރިޕޯޓުގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ކަންޗަން އަކީ އެނީމިއާގެ މެޑިކަލް ހިސްޓަރީއެއް އޮންނަ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭރު ކަންޗަންގެ ހަށިގަނޑާ ސްޕޮންސަރުގެ ފަރާތުން ހަވާލުވެފައިނުވާތީ، އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު