ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓްރީވާން ހުޅުވާލައި، އެކަމާބެހޭ ގަވާއިދެއް މިއަދު އާންމުކޮށްފި އެވެ.
އެ ގަވާއިދު ހަދާފައިވަނީ ބޭރު ފައިސާއާބެހޭ ގާނޫނު (ފޮރެކްސް ގާނޫނު)ގެ 18 ވަނަ މާއްދާގެ ދަށުންނެވެ.
އެ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ތެރެއިން، ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތް ބޭރު ފައިސާއާބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކުން އަންނަ ހޯމައިގެ ކުރިން އެމްއެމްއޭގައި ރަޖިސްޓްރީވާން ހުށަހަޅަންޖެހޭނެ އެވެ.
މިދިޔަ އަހަރު 15 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ވިޔަފާރިތަކުން ރަޖިސްޓްރީވާން އަންގާފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިންނެވެ. އަދި މި މަހުގެ 1 ގެ ފަހުން ވިޔަފާރި ފަށާ ފަރާތްތަކުން ރަޖިސްޓްރީވާން ޖެހެނީ އެ ވިޔަފާރިއެއް ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުގެ ފަހުން ބޭރު ފައިސާއިން 15 މިލިއަން ޑޮލަރުގެ އަދަދެއް ލިބޭ ނަމަ، އެ ވިޔަފާރިއެއް ރަޖިސްޓާ ކުރަން ޖެހެނީ ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިންނެވެ.
ވިޔަފާރިތައް ރަޖިސްޓަރީކުރަން ޖެހެނީ އެ އޮތޯރިޓީގެ ވެބްސައިޓުގައިވާ އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖު ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު