އިންޑޮނޭޝިއާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމަށް ނެދަލޭންޑްސްގެ ކުރީގެ ފޯވަޑް، ޕެޓްރިކް ކްލައިވާޓް ހަމަޖައްސައި، އެކަން އިއުލާނުކޮށްފިއެވެ.

އުމުރުން 48 އަހަރުގެ ކްލައިވާޓް އިންޑޮނޭޝިއާ ކޯޗުކަމަށް ހަމަޖެއްސީ އިއްޔެއެވެ. އެއީ ޓީމުގެ ކޯޗުކަމުގައި ކުރިން ހުރި ސައުތު ކޮރެއާގެ ޝިން ޓައެ-ޔޮންގް، ހޯމަ ދުވަހު މަގާމުން ވަކިކުރުމަށްފަހުއެވެ.

ކްލައިވާޓަށް އިންޑޮނޭޝިއާ ގައުމީ ޓީމާއެކު ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ކުރިއަށް އޮތް ވޯލްޑް ކަޕަށް ކޮލިފައިވުމެވެ. ކޮލިފިކޭޝަން ގްރޫޕްގައި މިހާތަނަށް ކުޅުނު ހަ މެޗާއެކު އެޓީމު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. އެއީ ދެވަނައިގައި އޮތް އޮސްޓްރޭލިއާއަށްވުރެ ޕޮއިންޓެއް ފަހަތުގައެވެ.

ގްރޫޕް ސްޓޭޖުގައި ޖުމުލަ 10 މެޗު ކުޅޭ އިރު، ކޮލިފިކޭޝަން ޔަގީން ޖާގައެއް ލިބެނީ ގަދަ ދެ ޓީމަށެވެ. މިފަހަރު އޭޝިއާއިންވެސް ވޯލްޑް ކަޕަށް އިތުރު ފުރުސަތުތަކެއް ލިބޭ އިރު، އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ބާއްވަން އޮތް ވޯލްޑް ކަޕުގައި 48 ޓީމަކުން ވާދަކުރާނެއެވެ.

ކްލައިވާޓަކީ ކުޅުންތެރިއެއްގެ ގޮތުގައި ބޮޑެތި ކާމިޔާބީތައް ހޯދި ލެޖެންޑަރީ ފޯވަޑެކެވެ. ކުރިން ބާސެލޯނާއާއި އޭސީ މިލާންގެ އިތުރުން އަޔެކްސްއަށް ކުޅުނު ކްލައިވާޓް ވަނީ ގައުމީ ޓީމަށް 79 މެޗު ކުޅެ، 40 ގޯލު ޖަހައިދީފައެވެ. އޭނާ ވަނީ އަޔެކްސްއާއެކު 1995 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

އިންޑޮނޭޝިއާއާއެކު ކްލައިވާޓް 2027 ވަނަ އަހަރާ ހަމައަށް އެއްބަސްވުން ހަދާފައިވެއެވެ. 2008 ވަނަ އަހަރު ކުޅުން ހުއްޓާލި ކްލައިވާޓް ވަނީ މީގެ ކުރިން ތުރުކީގެ އަޑާނާ ޑެމިރްސްޕޯރާއި ނެދަލޭންޑްސް ކެރިބިއަން އައިލެންޑްގެ ކުރަކާއޯއަށް ކޯޗުކަން ކޮށްދީފައެވެ.