މާދަމާ ހެނދުނު މާލޭ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132ކޭވީގެ ހައިވޯލްޓޭޖް ސަބްސްޓޭޝަން އެނަޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މާދަމާގެ ހެނދުނު 06:00 އާއި 08:00 އާ ދެމެދު އެއް ގަޑިއިރުގެ ވަގުތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.

އޭގެ އިތުރުން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުން ވެސް އެވަގުތުގައި ކަރަންޓުގެ ހިދުމަތް މެދު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި ހައިވޯލްޓޭޖް ސުވިޗްގިއަރާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން އިތުރަށް ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ދިމާވެފައިވާ ކަރަންޓު ފޯރުކޮށްދިނުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ބަހައްޓާ އެ ޓްރާންސްފޯމަރުތަކުގެ ސަބަބުން އެކުންފުނީގެ ހިދުމަތުގެ ޔަގީންކަން އިތުރުވެ ދެވަނަ ފިޔަވައްސަށް ފޯރުކޮށްދެމުންދާ ހިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދިފައެވެ.