ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ތެރޭގައި އޮތް ޒަމާންވީ ކޮރަޕްޝަން މުލުން ލުހެލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ. އަދި ގދ. ގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދެއްވަދުއަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މިފްކޯގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ގޮތުން އެ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިފްކޯގެ ތެރޭގައި ޒަމާނުއްސުރެ އަންނަނީ އެކިއެކި ގޯސް ކަންތައްތައް ހިނގަމުން ކަމަށެވެ.
"އަޅުގަނޑު ދެން ގަބޫލުކުރަނީ ކޮރަޕްޝަންގެ އަމަލުތަކެއްގެ ގޮތަށް މީ ފެންނަ ކަންތައްތަކެކޭ. ދެން އަޅުގަނޑުމެން ހަމަ ހުރިހާ ކަމެއް އެތަނުން މުލުން ލުހެލާނަން އިނގޭތޯ. އެ އަޒުމުގެ މަސައްކަތްތައް ފަށައިފައި އެވަނީ ބޭރުގެ މީހަކު އެހުރީ ހަމަ އަޅުގަނޑު ދެންނެވި ގޮތަށް ހަމަ މި ސަރަހައްދު، ނޫނިއްޔާމުން އަޅުގަނޑުމެންގެ އާންމުކޮށް މިކަންކަމުގެ ތެރޭގައި ނޫޅޭ ހިސާބަކުން ހަމަ ރަނގަޅު ބޭފުޅަކު ގެނެސްފައި ހަވާލުކޮށްފައި. އަނެއްކާ ތަނުގެ ހިންގުން ސީދާ ވަރަށް ގާތުން މިހާރު ރީފޯމް ތެރެއިން މި ގެންދަނީ،" ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މިފްކޯ ހަރުދަނާ ކުރެވި މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯ ބަދަލުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދެވޭނެ ސިނާއަތް ކަމަށެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ ޖީޑީޕީގެ މުހިންމު ސިނާއަތެއް ކަމަށާއި ނަމަވެސް މަސްވެރިކަމަކީ އެއަށްވުރެ ބޮޑަށް ކުރިއެރުވޭނެ ސިނާއަތެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މަސްވެރިކަމުގެ ސިނާއަތުގައި ހުރި ދަތިތަކާއި ޝަކުވާތަކަށް ހައްލު ހޯދައިދެއްވުމަށް ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމުގެ ވައުދު މިދިޔަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ފުއްދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިދިޔަ ސަރުކާރު ބަންދު ތެރޭގައި ވެސް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ ޝަކުވާއެއް ކަމަށްވާ ތެލުގެ އަގުބޮޑުވުމުގެ ޝަކުވާއަށް ވެސް ސަރުކާރުން ވަނީ ހައްލު ހޯދައިދީފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު މިއަހަރު ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު