އަންނަ ހަފުތާގައި ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރަކު ވިދާޅުވީ، މި ޖަލްސާއަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން ހަމަކުރުމަށްޓަކައި އެ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމަށް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކާ ބެހޭގޮތުން ގޮތެއް ނިންމަން ބާއްވާ ޖަލްސާއެއް ކަމަށެވެ.

އެކަމަށްޓަކައި ދއުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ މިމަހު 16 ވާ ބުރާސްފަތި ދުވަހު ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އީސީގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ދެ މެންބަރުންގެ މަގާމު ހުސްވީ، މިދިޔަ ނިވެމްބަރު މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށް، އެ ކޮމިޝަންގެ އޭރުގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރުމާ ގުޅިގެންނެވެ.

އެ ދެ ބޭފުޅުންގެ ބަދަލުގައި، އީސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސް މުއިއްޒު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

  • މުހައްމަދު ޒާހިދު ދަފްތަރު ނަމްބަރު ރސ. 1548
  • އަބްދުއްރަހްމާން ސަލާހް ރަޝީދު، ރޯޒް، ކ. ހުރާ

އެ ދެބެފުޅުންގެ ކުށުގެ ރެކޯޑް ބެލުމަށްފަހު، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިހާރު ވަނީ އެ ދެ ބޭފުޅުންނާ އިންޓަވިއުވެސް ކޮށްފައެވެ.

ދެން އޮންނާނީ އެ ދެ ބޭފުޅުންނާ މެދު ކޮމިޓީން ނިންމި ގޮތެއް މަޖިލިސް ތަޅުމަށް ހުށަހެޅުމެވެ.

އެގޮތުން ދައުރުން ބޭރުން މިމަހު 16 ގައި ބާއްވާ ޖަލްސާއަށް، އެ ދެ ބޭފުޅުންނާ މެދު ކޮމިޓީން ނިންމި ގޮތުގެ ކޮމިޓީ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅާނެއެވެ.