ބާސެލޯނާގެ ޒުވާން ދެ ތަރިން ކަމަށްވާ ލެމީން ޔަމާލާއި ގަވީގެ ގޯލުތަކުން އެތުލެޓިކް ކްލަބު ބަލިކޮށް، އެޓީމުން ސްޕެނިޝް ސުޕަ ކަޕް ފައިނަލަށް ދަތުރު ކޮށްފިއެވެ.

ސައުދީ އަރަބިއާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު ސުޕަ ކަޕް ސެމީގެ ފުރަތަމަ މެޗުގައި ބާސާއިން ރޭ އެތުލެޓިކް ކްލަބު ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

ބާސާއިން ރޭގެ މެޗަށް ނުކުތީ އެޓީމުން ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް ކުރި މަސައްކަތުގައި ކާމިޔާބީއެއް ލިބިފައި އޮވެގެންނެވެ. އެއީ ޑެނީ އޮލްމޯއާއި ޕައު ވިކްޓޯ ވަގުތީ ގޮތުން ރަޖިސްޓްރީ ކުރެވޭނެ ގޮތެއް ހޯދުމުންނެވެ. އެކަން ބާސާއަށް ފަހިވީ ސްޕެއިންގެ ކުޅިވަރު ކައުންސިލުން ނިންމި ނިންމުމަކާއެކުގައެވެ.

ރޭގެ މެޗު ބާސާއިން ރަނގަޅަށް ފަށައި، 17 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. އެ ގޯލަކީ އެލެހާންޑްރޯ ބާލްޑޭގެ ޕާހަކުން ގަވީ ޖެހި ގޯލެކެވެ. އެ ފޯމާއެކު ފުރަތަމަ ހާފު ނިންމާލި ބާސާއިން ދެވަނަ ހާފުވެސް ފެށީ ރަނގަޅަށެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ، އަނިޔާއިން އެނބުރި އައި ޔަމާލް ވަނީ ބާސާގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ޔަމާލް ރޭގެ މެޗަށް ނުކުތީ އަނިޔާގެ ސަބަބުން ދެތިން މެޗެއްގައި ނުކުޅެ ހުރުމަށްފަހުއެވެ. މެޗުގެ ފަހު މިނެޓުކޮޅުގައި އެތުލެޓިކް ކްލަބަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބި، އިނާކީ ވިލިއަމްސް އަތުން ފުރުސަތު ގެއްލިގެން ދިޔައެވެ.

ސުޕަ ކަޕް ސެމީ ދެވަނަ މެޗުގައި މިރޭ ރެއާލުން ނުކުންނާނީ މަލާކޯއާ ދެކޮޅަށެވެ.