މެދުރާއްޖެތެރޭގެ ރަށެއްގައި ދަރިވަރުންތަކެއް ގްރޫމް ކުރި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ޓީޗަރު ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފައިވަނިކޮށް، އެ ޓީޗަރު އަލުން ބަންދުކުރުމަށް ހައިކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ސައުތް ސެންޓްރަލް ޕޮލިސް (މ،ފ،ދ،ތ އަދި ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލުގައި މަސައްކަތް ކުރާ ފިރިހެން ޓީޗަރެއް ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނި އޮކްޓޫބަރު މަހުގެ 17 ގައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޓީޗަރު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 17 ގައި މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ހަމަ އެ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ޓީޗަރުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ ނޮވެމްބަރު މަހުގެ 25 ގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ފޮނުވައިފައެވެ.

ދައުލަތުން ވަނީ އެ މައްސަލައިގެ ދެ އިސްތިއުނާފީ ނުކުތާއެއް ހައިކޯޓަށް ހުށަހަޅައިފައެވެ. ފުރަތަމަ ނުކުތާގެ ތަފުސީލުގައި ދައުލަތުން ވިދާޅުވެފައިވަނީ މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުކުރި ހާލަތު ދެމި އޮއްވައި ކަމަށެވެ.

ދައުލަތުން ވިދާޅުވީ އިސްތިއުނާފު ރައްދުވާ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލާއި މުޖުމަތަމައަށް އޮތް ނުރައްކާ އެގޮތުގައި ދެމިއެބަ އޮތް ކަމަށެވެ. މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ތުހުމަތުވާ ފަރާތް ބަންދުން ދޫކޮށްލީ ހައިކޯޓާއި ސުޕްރީމް ކޯޓުން މިފަދަ މައްސަލަތަކުގައި ގޮތެއް ނިންމައިފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ދެވަނަ ނުކުތާގެ ތަފުސީލުގައި ދައުލަތުން ވިދާޅުވީ ހާއްސަ އުސޫލުތަކެއް ގާނޫނެއްގައި ކަނޑައަޅާފައިވަނީ އެކަމުގެ ހާއްސަ މަގުސަދުތަކެއް އޮވެގެން ކަމަށާއި ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ކަންކަމާއި އާންމު އިޖުރާއަތުގެ ގާނޫނުތަކުގައިވާ ކަންކަމާ މަސްހުނި ނުކުރުމަކީ ހާއްސަ ގާނޫނެއްގައި އެންމެ މުހިއްމު މައްސަދު ކަމަށެވެ.

ދައުލަތުން ވިދާޅުވީ މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް ކޯޓުން ރިއާޔަތްކޮށްފައިވަނީ އިޖުރާއަތަށްކަން ސާފުކޮށް ކޯޓު އަމުރުގައި ލިޔެފައިވާ ކަމަށެވެ. މީގެ އިތުރުން ހާއްސަ ގާނޫނުން ބަންދުކޮށްދިނުމަށް އެދިފައިވަނިކޮށް އިސްތިއުނާފު ރައްދުވާ ފަރާތް ބަންދުން ދޫކުރުމަށް އަމުރު ކުރައްވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތުން ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ބުނީ ގޭބަންދަށް ދޫކުރި ކުރުމަކީ ދަށު ކޯޓުން ރަނގަޅަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތްކޮށް އަދި މުޖުތަމައުއަށް ނުރައްކާތެރި މީހެއްގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވީ ނަމަވެސް ގޭބަންދަށް ދޫކޮށްގެންވީ ދުވަސްތަކުގެ ތެރޭގައި މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ދޮގު ދައުވާއެއް ކަމަށާއި މައްސަލައިގެ ތުހުމަތުކުރެވިގެން ދިޔައިރުވެސް އޭނާ ގޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ނުގެންގޮސް ގާތްގަޑަކަށް ދެ

ހަފުތާއެއްހާ ދުވަސްވީ އިރު ވެސް އޭނާގެ ފަރާތުން ހެކިންނަށް ނުފޫޒު ފޯރުވައި އެކަހަލަ އެއްވެސް ކަމެއް ފެނިފައި ނުވާނެ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު މި މައްސަލައިގެ ގޮތެއް ނިންމެވި ރައުޔުގައި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ލިބިދޭ އަސާސީ ހައްގަކީ ޝަރީއަތުން ހުކުމެއް ކުރުމުގެ ކުރީން ބަންދުގައި ނުބެހެއްޓުމުގެ އަސާސީ ހައްގު ކަމަށެވެ.

ނަމަވެސް އެ ހައްގަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއިން އެ ހައްގަށް އިސްތިސްނާތަކެއް ބަޔާންކުރުމަށްފަހު އެކަށައަޅާފައިވާ އަސާސީ ހައްގެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން، ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށްޓަކައި އަދި ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާލެއް ކުރިމަތިވެދާނެ ކަމަށްޓަކަޓަކައި ހުކުމުއްގެ ކުރުމުގެ ކުރިން ބަންދު ކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނު" ގެ 28 ވަނަ މާއްދާ ބަޔާންކޮށްފައި ވަނީ އެ ގާނޫނުގެ ދަށުން ތުހުމަތުވާ ފަރާތަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މީހެއް ކަމަށެވެ. އެ ފަރާތަކީ ހަގީގަތުގައި އެފަދަ ނުރައްކަލެއް ކުރިމަތި ކުރެވިދާނެ މީހެއް ކަމަށް ނުވިޔަސް ގާނޫނުގެ ދަށުން ބަލަންޖެހޭނީ އެގޮތަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެ ގާނޫނުގައިވާ ގޮތުން ތުހުމަތުވާ ފަރާތަކީ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކުރާނެ މީހެއް ކަމެއް ކަމަށެވެ. އެފަދައިން މަސައްކަތް ކުރުމުގެ އެއްވެސް ކުޅަދާނަކަމެއް އޭނާގެ ކިބައިގައި ހަގީގަތުގައި ނެތް ކަމަށް ވިޔަސް، ބަލަން ޖެހޭނީ ގާނޫނުގައި އޮތްގޮތުން ހެއްކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެކަންތައްތައް ފާހަގަކުރައްވައި ފަނޑިޔާރު ރައުޔު ކަނޑައެޅުއްވީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ބާތިލުކޮށް ހަތް ދުވަހަށް ތުހުމަތުކުރެވޭ ފަރާތް ބަންދު ކުރުމަށެވެ.

އެ ރައުޔަށް މި މައްސަލައިގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންވެ މި މައްސަލައިގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ނިޔާޒު ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ބާތިލު ކަމަށް ކަނޑައަޅައި ތުހުމަތު ކުރެވޭ ފަރާތް ހަތް ދުވަހަށް ބަންދު ކުރުމަށް ހުކުމްކުރާ ކަމަށެވެ.