ހުޅުމާލޭ މަސްޖިދުލް ޝައިހު ގާސިމް ބިން އަލްސާނީ އޭސީކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އާއި އެންޖީއޯ، ގަތަރު ޗެރިޓީއާ ގުޅިގެން ކުރުމަށް އެއްބަސްވެއްޖެއެވެ.

ދޯހާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ ހާލިދު އަލް-ހަމާދީއެވެ. ގަތަރު ވެރިޓީގެ ފަރާތުން ސޮއިކުރެއްވީ ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަހްރޫއެވެ. އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްތާން ކުވާރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން ހުޅުމާލެ ގްރޭންޑް މިސްކިތް ފުލް އެއާކޮންޑިޝަން ސިސްޓަމާ އެކު އަޕްގްރޭޑްކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫއިން ގަތަރު ޗެރިޓީއާ ގުޅިގެން ކުރާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން މަރާމާތުތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށާއި އަދި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

"ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަން ކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް. މަސްޖިދުލް ޝައިހު ގާސިމް ބިން އަލްސާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ގަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ޝަރަފެއް. އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެ" ހަމާދީ ވިދާޅުވިއެވެ.

ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދުއަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށް އެކުންފުނިން ބުންޏެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތް ކުރި މިސްކިތެކެވެ. އެ މިސްކިތުގައި 1800 އަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ގޮތަށް ހަދާފައިވާ މިސްކިތެކެވެ.