މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ޒުވާނަކު މަރާލި މައްސަލައިގައި ދައުވާ ކުރި، އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ހުށަހެޅި ހެކިތަކަށް، މަތީ ކޯޓުތަކުގެ ނިންމުތަކާ ހިލާފަށް ބެއްލެވުމަށްފަހު ކަމަށް ދައުލަތުން ބުނެފިއެވެ.
މިއީ ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ޝާރިއުވަރުދީ މަގުގައި ހުންނަ ކަޅިރަވަ ފިހާރަ ކައިރިން ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރި ދައުވާއެކެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މޫސައަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އޭނާވެސް އެ ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށްބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް ހުކުމްގައިވެއެވެ.
އެހެންކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.
ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖްތަކުން، ސައްމާހު މޫސައަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ. އެ ސަރަހައްދުގައި އެވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯއިން ފެންނަނީ އޭނާ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހުކުމުގައިވެއެވެ. މީގެ އިތުރުން އެ މައްސަލައިގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެ ހާދިސާއާ ސަައްމާހުއާ ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައިވެއެވެ.
އެހެންކަމުން، މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.
ނަމަވެސް ދައުލަތުން ހައިކޯޓަށް ހުށަހެޅި މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް މިއަދު ވަނީ ހައިކޯޓުގައި ބާއްވައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ދިފާއުން ޖަވާބު ހުށަހެޅިއެވެ. އަދި ޖަވާބުގެ ގޮތުގައި ދިފާއުން ހުށަހެޅި ނުކުތާތައް ނަފީ ކުރުމަށް ދައުލަތުންވެސް ވާހަކަ ދެއްކިއެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސައްމާހުގެ ދިފާއީ ވަކީލު ނޫރުއްސަލާމަށް ދިން ފުރުސަތުގައި، ވާހަކަ ދެއްކެވީ ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި އިސްތިއުނާފު އޮޅިގަނޑު ގިރާކޮށްފައި ނުވާ ކަމަށާއި، އިސްތިއުނާފު ފޯމު ތަރުތީބު ކޮށްފައި ނުވާކަމުގެ މައްޗަށެވެ.
އޭނާ ވިދާޅުވީ، ދަށު ކޯޓުން މައްސަލަ ނިންމިއިރު އެ މައްސަލައިގެ ވީޑިއޯ އެނެލިސިސް ރިޕޯޓަކީ ހުއްޖަތެއް ނޫންކަމަށް ބުނެފައިވާ ކަމަށް ދައުލަތުން ބުނާއިރު، އެ ރިޕޯޓުގެ އިތުރުން އެ ރިޕޯޓް ބަލައިގަނެ އެނަލައިޒް ކުރި ފަރާތް ކޯޓަށް ހާޒިރުވެ ދައުލަތާއި ދިފާއުގެ ފަރާތުން ކުރި ސުވާލުތަކަށް ޖަވާބު ދީފައިވާ ކަމަށެވެ. އެ ވީޑިއޯ ފްޓޭޖުގެ ބޭނުކަމަށް ވާންވާނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ދެނެގަތުން ކަމަށާއި، ނަމަވެސް އެއާ ހިލާފަށް މި މައްސަލައިގައި މަސައްކަތް ކޮށްފައި ވަނީ ސައްމާހު އޭގެ ތެރޭގައި ހިމެނޭތޯ ބެލުމަށް ކަމަށްވެސް ދިފާއުން ވިދާޅުވިއެވެ.
"މި މައްސަލައިގައި ފޮޓޯތަކެއް ނެގުމަށްފަހު އަޅައިކިޔައިފައި ވަނީ ހާދިސާގެ ފޮޓޯތަކަކާ ނޫން، އެހެން ހިސާބުތަކަކުން ސައްމާހު ހަރަކާތްތެވާކަމަށް ފާހަގަކުރެވުނު މަންޒަރުތަކާއި މައްސަލައިގެ ތުހުމަތުގައި އޭނާގެ އަސްލު ފޮޓޯތަކެއް ތުމަތުގައި ހުރިއިރު ނަގައިގެން އަޅައިކިޔާފައި ވަނީ ހާދިސާ ފެންނަ ފުޓޭޖުތަކުން ފެންނަ މީހުން އެއީ ތުހުމަތުކުރެވޭ މީހާ ކަމަށް އެނަލިސްޓަށް ބުރަވެވޭ ފޮޓޯތަކަކާ ނޫން. އަޅައި ކިޔައިފައި ވަނީ، މީގެ އިތުރަށް އެބަ އޮވޭ އެނަލިސްޓް ވިދާޅުވެފަ ވަންޓުވަން މެތަޑްކަމަށް އެނަލައިޒް ކުރަން ބޭނުން ކުރީ، އެހެންކަމުން ސާފުކޮށް އެނގޭ ވަންޓުވަން މެތަޑެއް ނޫންކަން ބޭނުންކުރީ، މުޅިން އެހެން ހިސާބުތަކެއްގައި ހުރި ހާދިސާއާ ނުގުޅޭ ފޮޓޯތަކަކާ ސައްމާހުގެ ފޮޓޯތަކަކާ އަޅައި ކިޔައިގެން ނަތީޖާއަށް ވާސިލު ވެފައިވަނީ،" ދިފާއުން ބުންޏެވެ.
މީގެ އިތުރުން އެ މައްސަލައިގައި ހާޒިރުކުރީ ދެ ހެކިން ކަމަށާއި، އޭގެ ތެރެއިން ސިއްރު ހެކިވެރިޔާ ދޭއް، ހާދިސާ ހިނގިތަނުން ސައްމާހު ފެންނަކަމަށް ތަހުގީގުގައި ބުނި ނަމަވެސް، އެގޮތަށް ތަހުގީގަށް ބަޔާން ދިނީ މަޖުބޫރުކޮށް، ނުފޫޒު ފޯރުވައިގެންކަމާއި، ސައްމާހު އެތަނުން ނުފެންނަ ކަމަށް ކޯޓުގައި ހެކިބަސްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ސައްމާހު މޫސައަށް ހަމަލާދޭތަން ފެނުނުކަމަށް ސިއްރު ހެކިވެރިޔާ ފަހެއް، ބުނި ނަމަވެސް އެގޮތަށް ހެކިބަސް ދިނުމަށްފަހު، އެ ހެކިބަހުގައި ހިމެނޭ "ސައްމާހު މޫސައަށް ހަމަލާދޭތަން ފެނުނު" ކަމަށް ބުނެފައި ވަނީ ފުލުހުންނާއި ޕްރޮސިކިއުޓަރުން ނުފޫޒު ފޯރުވައިގެންކަމަށް، ސިޓީއެއްގައި ލިޔެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި ކޯޓަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދަށު ކޯޓުން މައްސަލަ ނިންމާފައިވަނީ އެ ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށްވެސް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެކަންތައްތަކަށް ތަފްސީލުކޮށް ވާހަކަ ދެއްކެވުމަށްފަހު ނޫރުއްސަލާމް ވިދާޅުވީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދިފާއުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ނައުޝާދު ވިދާޅުވީ، ވީޑިއޯ އެނަލިސިސް ރިޕޯޓު ހުށަހެޅުމަށްފަހު އެއާ ބެހޭގޮތުން ދެއްކި ވާހަތައް، އަމިއްލައަށް ތަހުގީގު ކުރައްވައި ނަތީޖާ ނެރެން ދަށު ކޯޓުން މައްސަލަ ބެއްލެވި ގާޒީ މަސައްކަތް ކުރައްވާފައިވާ ކަމަށައި، އެއީ ބޮޑު ގޯހެއް ކަަމަށެވެ. މި މައްސަލައަކީ ގާނޫނުގައި ބުނާގޮތުން އެންމެ ހެކި ބަހަކުންވެސް ސާބިތު ކުރެވޭވަރުގެ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ހުށަހަޅާފައިވާ ސީސީޓީވީ ފްޓޭޖުން، މި މައްސަލައިގައި މަރުވެފައިވާ މޫސައަށް ސަމާހު ހަމަލާދޭ މަންޒަރު ސާފުކޮށް ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ކަންތައްތަކަށް ރިއާޔަތް ނުކޮށް ދަށު ކޯޓުން މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައަށް މިއަދުގެ ކަނޑައެޅިފައިވާ ވަގުތު ހަމަވެގެން އަޑުއެހުން ނިންމަވާލައްވަމުން މި މައްސަލަ ބައްލަަވާ ފަނޑިޔާރުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވީ، ދެފަރާތާ ފަނޑިޔާރުން އިތުރަށް ސުވާލު ކުރައްވަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދެން މައްސަލައިގެ އަޑުއެހުން އޮންނަ ދުވަހަކުން އެކަންތައް ކުރިއަށްގެންދިއުން އޮންނާނެ ކަމްށެވެ.
އެހެންކަމުން މައްސަލައިގެ އަޑުއެހުމަށް މިއަދަށް ތާވަލު ކޮށްފައިވާ ވަގުތު ހަމަވާތީ އަޑުއެހުން ނިންމަވާލެއްވީ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު