ބައިނަލްއަގުވާމީ މައިދާނުގައިވެސް އެހާ އާއްމުކަމެއް ނޫނެވެ. ފިރިހެން ޓީމަކަށް އިރުޝާދު ދިނުމަށް އަންހެން ކޯޗަކަކު ހުންނަތަން ފެންނަނީ މަދު ފަހަރެއްގައެވެ. އެފަދަ މަންޒަރުތަކަކީ ކެރުންތެރިކަމާއި، އަންހެނުންނަށް ވާނެކަން ދައްކުވައިދޭ ހާއްސަ މަންޒަރުތަކަކަށްވާ އިރު، ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އަތޮޅު ބުރުގައި އެ އުފާވެރި މަންޒަރު ފެނިގެން ދިޔައެވެ. ށ. ގޮއިދޫން މިފަހަރު ނުކުތް ފުޓްސަލް ޓީމަށް އިރުޝާދު ދޭން، ބެންޗުގައި ހުރި ކޯޗަކީ ކުރީން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށް، ފުޓްސަލްއާއި ފުޓުބޯޅައިގައި ކާމިޔާބީތައްވެސް ހޯދާފައިވާ ފާތިމަތު ޝާލިޔާ އެވެ.

ފުޓުބޯޅައާއި ފުޓްސަލްއަކީ ފިރިހެނުންގެ ކުޅިވަރެއް ކަމަށް ވިސްނި ޒަމާން އެއީ މާޒީއެވެ. އަންހެން ފުޓްސަލްއާއި ފުޓުބޯޅަ މުބާރާތްތައްވެސް މިހާރު އަންނަނީ މަޑުމަޑުން އާއްމުވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ކްލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން، 18/30 ވިމަންސް ފުޓްސަލް ފިއެސްޓާ ފާހަގަވެފައިވާ އިރު، ޝާލިޔާއަކީ އެ މުބާރާތުގެ ކުއީން އޮފް ދަ ޓޯނަމެންޓް ހޯދި ކުޅަދާނަ ކުޅުންތެރިއެކެވެ.

އޭގެ އިތުރުން ނޭޕްލާގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ މުބާރާތުން ލޯ މެޑަލް ގެނައި ރާއްޖޭގެ އަންހެން ޓީމުގެ ކެޕްޓަނަކީވެސް ޝާލިޔާ އެވެ. އެ ކާމިޔާބީތަކާއެކު ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން 2021 ގައި ގައުމީ އިނާމުވެސް ޝާލިޔާ ހާސިލުކޮށްފައިވާ އިރު، ރޭ ނުކުތީ ކެރިއަރުގައި މުޅިން އާ ސޮފުހާއެއް ލިޔެލުމަށެވެ.

ގޮއިދޫން އަތޮޅު ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ 2-1 އިން ބަލިވި ނަމަވެސް، ޖެހިލުން ކުޑަކަމާއެކު ބެންޗުގައި ހުރެ ޝާލިޔާ ދިން އިރުޝާދަށް އެތައް ބައެއްގެ ލޯތައް ހުއްޓުނެވެ. ޓީމުގެ ކުޅުންތެރީންނަށް ފުރިހަމައަށް ދެމުންދިޔަ އިރުޝާދުތަކުން ފެނުނީ މުޅިން އަލަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މުބާރާތަކުންވެސް ފެނުނު މަންޒަރެކެވެ. ޓީމެއް ލީޑުކޮށް، ޓީމަކަށް ފުރަތަމަ ފަހަރަށް އަންހެން ކޯޗަކު އިރުޝާދު ދިން ތަނެވެ.

"އަދި މިހާތަނަށް މި ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު. ތަޖުރިބާއިން ދަސްކުރަމުން މިދަނީ. އެހެންވީމަ އަދި ހަމަ ވަރަށް ރަނގަޅު. ދެން ކުޅުންތެރިއެއްގެ ގޮތުގައި ލިބިފައި ހުރި ތަޖުރިބާ ބޭނުންކުރަމުން ކުރިއަށްދާން ވިސްނުން ހުރީ. މި މަސައްކަތަކީ ވަރަށް އާކަމެއް. މިހެން މި ކަމަށް ނުކުތީވެސް ތޯހާ ކޯޗުވެސް ވަރަށް ބޮޑު ސަޕޯޓެއް ދީގެން، ކުރަން ބޭނުންވެގެން،" ޝާލިޔާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ޝާލިޔާ ފާހަގަކުރީ ކުޅެފައި ހުރުމަކީ ލިބޭ ފަސޭހައެއް ކަމަށާއި، ކޯޗުންގެ ފަރާތުން ކަންކަން ހޯދައި، ދަސްކުރުމަކީ ބޮޑު ފޯކަސްއެއް ކަމަށެވެ.

ޝާލިޔާގެ ނަޒަރުގައި ރާއްޖޭގައި އަންހެން ކޯޗުން މަސައްކަތް ކުރާ އަދަދު މަދުކަމުން، އެކަން "އާ ކަމަކަށް" ވީ ނަމަވެސް، ފަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މިއީ ރާއްޖޭގައި އާ ކަމެއް. އެހެންވިޔަސް، ޝާގެ އުންމީދަކީ ޝާ މިކަން ފެށީމަ އެހެން އަންހެން ކޯޗުންވެސް އުފެދޭނެކަމަށް. އަދި މިކަހަލަ މުބާރާތްތަކަށް ޓީމުތައް ގޮވައިގެން ނުކުންނާނެ ކަމަށް،" ޝާލިޔާ އިތުރަށް ބުންޏެވެ.

ޝާލިޔާ ގަބޫލުކުރާ ގޮތުގައި، ކަންކަން ދަސްކުރަން ވަގުތު ނެގުމުގެ އިތުރުން، އަންހެން ކޯޗަކަށް ވުމުން އަދި ރާއްޖޭގައި ޗެލެންޖްތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް އެ ޗެލެންޖަކީ އޭނާ ފަހަތަށް ޖެހޭނެ ޗެލެންޖެއް ނޫން ކަމަށް ފާހަގަކުރިއެވެ.

"ޗެލެންޖްތަކެއް އެބަހުރި. އެހެންވިޔަސް، މިކަން މިހެން ފަށައިގެން ބައިވަރު ކަންކަން ދަސްކުރަން ބޭނުންވޭ. އަދި ދަސްކުރަން ބައިވަރު ކަންކަން އެބަހުރި. އެހެންވީމަ އެ ޗެލެންޖާ ކުރިމަތިލާން ބޭނުންވަނީ. އައި ލައިކް ޗެލެންޖަސް. އެހެންވެ އެ ޗެލެންޖްތަކާ ކުރިމަތިލާން ބޭނުންވެގެން މި ނުކުތީ،" ޝާލިޔާ އިތުރަށް ފާހަގަކުރިއެވެ.

އަންހެން ފުޓުބޯޅައިގެ މާ ބޮޑު ޕްލެޓްފޯމެއް ރާއްޖޭގައި ނެތް ނަމަވެސް، އެކަމުގައި އުޅޭ ގިނަ ކުޅުންތެރީން އަމިއްލަ މަސައްކަތުން މުބާރާތްތައް ހޯދައި އަހަރު ތެރޭގައި މަދު ފުރުސަތުތައް ހޯދައެވެ. އެ ހާލަތު ބަދަލުވާން ޖެހިފައި މިއޮތް ހާލަތުގައި، ޝާލިޔާގެ މި އިސް ނެގުމަކީ މުޅިން އާ ޕްލެޓްފޯމެއް ގާއިމުވާނެ ފިޔަވަޅަކަށްވާނެއެވެ.