ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އައިލެންޑް އޭވިއޭޝަން ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ330-200 އިފްތިތާހުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަލަށް ގެނައި މަތިންދާބޯޓާއެކު ޓޫރިޒަމް އިންޑަސްޓްރީއާއި، އުދުހުމުގެ ސިނާއަތް ކުރިއެރުވިގެންދާނެ ކަމަށެވެ.
"ކުރިއަށް މިއޮތް ދުވަސްތަކުގައި އައިލެންޑް އޭވިއޭޝަނަށްވެސް، އިތުރު ކުރިއެރުންތައް އަޅުގަނޑުމެން ގެނެސް، އަދި ހަމައެއާއެކީގައި އެމްއޭސީއެލްއަށް ވެސް އިތުރު ކުރިއެރުންތައް އަޅުގަނޑުމެން ގެނެސް، ވަރަށް ގިނަ ހަރުފަތްތަކެއް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މި އަހަރުގެ ތެރޭގައި ގިރާކުރާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ޗައިނާގެ ބައެއް ހިސާބުތަކަށް ދަތުރުކުރަން ފަށާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި، އެއަށްވުރެ ގިނަ މަންޒިލްތަކުން ޓޫރިސްޓުން ގެނެވޭނެ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގުތިސާދަށް ލިބޭނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންނަށް މިކަމުން މި ލިބިގެންދާ ކުރިއެރުމަކީ، އަޅުގަނޑުމެންގެ އިގުތިސާދު ކުރިއެރުވުމަށްޓަކައި، ފުޅާކުރުމަށްޓަކައި، ފަށައިފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އަތްމަތީގައި، އަޅުގަނޑުމެން ދިވެހިންގެ އަތްމަތީގައި، އަޅުގަނޑުމެންގެ އުދުހުންތައް އަޅުގަނޑުމެންގެ ގައުމަށް ފަތުރުވެރިން ގެނައުމަށްޓަކައި، ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމަކަށް މިއަދު މިވެގެން މިދަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ވައިޑް-ބޮޑީގެ ދެވަނަ މަތިންދާބޯޓު ގެނެސް، އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ފިނޭންސް މިނިސްޓްރީއާއި އައިލެންޑް އޭވިއޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާނެ ކަމަށެވެ.
ރާއްޖޭން ބޭރުގެ އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މޯލްޑިވިއަނަށް ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނެވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވައުދުވެވަޑައިގެންފައިވަނީ ވައިޑް-ބޮޑީގެ ދެ މަތިންދާބޯޓު ގެންނެވުމަށެވެ.
މޯލްޑިވިއަނުން ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން އެހީތެރިވަނީ ސަރުކާރުންނެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ، ފިނޭންސް މިނިސްޓްރީގެ ތެރެއިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ހަމަޖައްސައިދިނުމަށް 2023 ވަނަ އަހަަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
އެއާއެކު 2023 ވަނަ އަހަަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު މޯލްޑިވިއަނުން ވަނީ އެއާބަސް އޭ330-200ގެ މަތިންދާބޯޓެއް ކުއްޔަށް ހޯދަން އިއުލާންކޮށްފައެވެ. އެއީ 406 ސީޓު ހަރުކުރެވޭ، އަދި 7،250 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެ ބޯޓު ކުއްޔަށް ނަގަން ނިންމާފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ވައިޑް-ބޮޑީ މަތިންދާބޯޓުގެ ސީދާ ދަތުރުތައް ރާއްޖެއިން ޗައިނާގެ ބެއިޖިން، ޝަންހާއީ، ޗަންގްޑޫ އަދި ޝިއާންއަށް ކުރުމަށް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު